އެސްޓީއޯ އިން ވިއްކަމުންދާ "މޯލްޑިވްސް ސިމެންތި"ގެ ވިޔަފާރި އިތުރަށް ފުޅާކޮށް މާކެޓްކުރުމަށްޓަކައި އެސްޓީއޯގެ ސްޓްރެޓެޖިކް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓުރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖާ މުހައްމަދު އީމާންއެވެ. އަދި އެޕޯލޯ ހޯލްޑިންސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރު މުހައްމަދު ވަހީދުއެވެ.
އެސްޓީއޯއިން ބުނީ، ރާއްޖޭގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކޮށް ސަޕްލައިކުރުމުގައި އެންމެ ކުރީ ސަފުގައި ހިމެނޭ ދެ ކުންފުނި ކަމަށްވާ އެސްޓީއޯ އަދި އެޕޯލޯ ހޯލްޑިންގްސްއިން ސޮއި ކުރި މި އެއްބަސްވުމަކީ ސިމެންތީގެ ވިޔަފާރީގައި ރާއްޖޭގައި މިހާތަނަށް ހެދުނު އެންމެ ބޮޑު އެއް އެއްބަސްވުމުން ކަމަށެވެ.
އަދި މިއީ ދެކުންފުނީގެ ކޮންސްޓްރަކްޝަން ސަޕްލައި ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ދެކޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މިއެއްބަސްވުމުގެ ދަށުން އެސްޓީއޯ އަދި އެފޯލޯ ކުންފުނި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޯލްޑިވްސް ސިމެންތި ހެޔޮ އަގުގައި ފޯރު ކޮށްދެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ ރާއްޖޭގައި ރިއަލް އެސްޓޭޓްގެ ބޮޑެތި ޕްރޮޖެކްޓް ތަކެއް ހިންގުމުގެ އިތުރުން، އަތޮޅުތެރޭގައި ކޮންސްޓްރަކްޝަން ސާމާނު އެންމެ ފުޅާކޮށް ސަޕްލައިކުރާ އެއް ކުންފުންޏަކީ އެޕޯލޯ ހޯލްޑިންގްސް ކަމަށްވާއިރު، އެކުންފުންޏާއެކު މިހެދުނު ޕާޓްނާޝިޕް އެއްބަސްވުމުގެ ސަބަބުން "މޯލްޑިވްސް ސިމެންތި"އަށް ކަސްޓަމަރުން ކުރާ އިތުބާރު އިތުރުވެގެން ދާނެ ކަމަށެވެ.
މީގެ އިތުރުން ފަންނީ ތަޖުރިބާކާރުންނާއި މުޅި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިތުބާރު ހޯދާފައިވާ "މޯލްޑިވްސް ސިމެންތި" އަކީ މާކެޓްގައި މިހާރު ލިބެންހުރި އެންމެ ކޮލިޓީ ރަނގަޅު ސިމެންތިއަށްވެފައި، ކަސްޓަމަރުންނަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނުގެ އަގާއި ކޮލިޓީ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަބަދު ވެސް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.
"މޯލްޑިވްސް ސިމެންތި"އަކީ އެސްޓީއޯ އަދި އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި، ރޭސޫޓް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑްއިން ތިލަފުށީގައި ގާއިމްކޮށްފައިވާ ފެކްޓްރީއިން އުފައްދަމުން އަންނަ ސިމެންތިއެކެވެ. އަދި އެސްޓީއޯއިން ޖޮއިންޓް ވެންޗާ ހަދާފައިވާ އޮމާންގެ މިކުންފުންޏަކީ ގަލްފް ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި މިމަސައްކަތްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.