މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯގެ މަޤާމުގައި ހުންނެވި ގޯޑަން އެންޑްރޫ ސްޓުއާޓް އެ މަޤާމުން ވަކިކޮށްފިއެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އައްޔަން ކުރި އެންޑްރޫ މަގާމުން ވަކިކޮށްފައިވާ ކަން އެކުންފުނިން ވެސް ވަނީ ޔަގީން ކޮށްދީފައެވެ. ނަމަވެސް ވަކި ކުރި ސަބަބެއް ނުބުނެއެވެ.

މިއަދު އެންޑްރޫ ވަކި ކުރީ ޕްރިވެޓައިޒޭޝަން ބޯޑުން ކަމަށާއި، ތަފްސީލު އެނގޭނީ އެ ބޯޑަށް ކަމަށް އެމްއޭސީއލްގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، އެންޑްރޫ ވަކި ކުރީ އެމްއޭސީއެލްގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ގެނެވޭ ބަދަލެއްގެ ގޮތުން ކަމަށެވެ.

"އެމްއޭސީއެލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ވަކިން ހާއްސަކޮށް އެއާޕޯޓް ތަރައްގީ ކުރުމުގެ ކަންކަން ބާރު ސްޕީޑްގައި ދެމުން ގެންދިއުމަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން ބަދަލެއް"
މުހައްމަދު މަބްރޫކް އަޒީޒު

އެންޑްރޫ އަކީ ޔޫރަޕާއި، މެދުއިރުމަތި، އަދި އުތުރު އެފްރިކާގެ އިތުރުން އޭޝިއާ އާއި އުތުރު އެމެރިކާގެ އެކި ގައުމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއޭސީއެލް އިން ބުނީ އެންޑްރޫ މަނާގުން ވަކިކުރުމުން ވަގުތީގޮތުން ޒިންމާތަކާ ހަވާލުވެ ވަޑައިގަންނަވާނީ ޑެޕިއުޓީ ޗީފް އޮފިސާ އިބްރާހިމް ތޯހާ ކަމަށެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ މިއަދު މަގާމުން ވަކިކޮށްފައި ވާއިރު މިއަދު ވަނީ އެކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރުގެ މަގާމަަށް އިނގިރޭސި ރައްޔިތަކު އަންޔަން ކޮށްފައެވެ. އެއީ އެއާޕޯޓްތައް ހިންގުމުގެ ދާއިރާގައި 20 އަހަރު ހޭދަކޮށްފައިވާ ޑެރަން ވިލިއަމްސްއެވެ.