ރާއްޖެއަށް ޕްލާސްޓިކް އެތެރެކުރުން މަނާކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މިއަދު ރައީސް ސޯލިހު ތަސްދީގު ކުރައްވައިފާ ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ (ގާނޫނު ނަމްބަރު: 4-1993) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް ހުށަހެޅި ދެ ވަނަ އިސްލާހު މިދިޔަ އޮކްޓޯބަރު 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އޭގައިވާ ގޮތުން ސިންގަލް ޔޫޒް ޕްލާސްޓިކްގެ ލިސްޓަށް ބާވަތްތައް އިތުރުކުރުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވައެވެ.

މި ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ އެ ގާނޫނުގެ 8 ވަނަ މާއްދާގެ ފަހަތަށް، "ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވުން" މި ނަމުގައި ސަބް ހެޑިންއެއް ހިމަނައި (8.1) ގޮތުގައި އަކުރެއް އިތުރުކުރުމަށެވެ.

އެގޮތުން އިތުރުކުރި މި އަކުރުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސް ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. އަދި ރައީސް ކަނޑައަޅާ އެ ލިސްޓު، އެކި މަރުހަލާތަކަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހްތިޔާރު ރައީސްއަށް އޮތުމާއެކު މި އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު ރައީސް ކަނޑައަޅާ ފުރަތަމަ ލިސްޓު، ޖަނަވަރީ 1، 2022 ގެ ކުރިން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެކަމުގައި ވެސް އެ އިސްލާހުގައިވެއެވެ.

މީގެ އިތުރުން ރައީސް އެ ލިސްޓު ގެޒެޓުގައި ޝާއިއުކުރާއިރު އެ ލިސްޓުގައި ބަޔާންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ ތާރީހެއް ކަނޑައެޅުމާއި އަދި އެ ލިސްޓު ކަނޑައެޅުމުގައި ރިއާޔަތްކުރަންވީ ކަންކަމާއި އިސްލާހުގައި ހުރި ބަސްތަކުގެ މާނަކުރުންތައް ވެސް ހިމަނާފައިވެއެވެ.