ރޭ ފަތިސްވުމާ ގާތްވެފައި ހުއްޓާ މާލޭގައި މީހަކު ހިފަހައްޓާ، ބަރަހަނާކޮށް އަދި ވީޑިއޯ ކޮށް ފޭރެން އުޅުނު މައްސަލައިގައި ހައްޔަރު ކުރި 3 މީހުން ފުލުހުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ އެމީހުން ދޫކޮށްލީ މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާތީ ކަމަށެވެ.

މި މައްސަލާގައި، ޖިނާއީ ތުހުމަތެއް ކުރާ މީހަކު ނުވަތަ ބަޔަކު ވިޔަސް، މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ކުރިޔަށް ގެންދަން ބޭނުން ނުވާނަމަ އަމަލު ކުރާ ގޮތަކީ ތުހުމަތުވާ މީހުން ދޫކޮށްލުންތޯ އަހާ ކުރި ސުވާލަށް ފުލުހުން ޖަވާބެއް ނުދިނެވެ.

ރޭ މާލޭގައި ހިނގި އެ ހާދިސާގައި، 3 މީހަކު ވެގެން ފޭރެން އުޅުނީ، 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 24 އަހަރާއި 27 އަހަރާއި 31 އަހަރުގެ މީހުން ކަމަށް ފުލުހުން ބުނެއެވެ. އެހެން ބައެއް މައްސަލަތަކާ ހިލާފަށް މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.

ދޭތެރެ ދޭތެރެއިން މާލޭގައި މީހުންނަށް ބިރުދައްކައިގެން ފައިސާ ހޯދާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. ބައެއް ފަހަރު ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދާ އިރު އަނެއް ބައި ފަހަރު އަނިޔާ ކޮށް ވީޑިއޯކޮށް ބިރުދައްކާ ހަދާ މައްސަލަތައް ވެސް ވަނީ މި ފަހުން ފުލުހަށް ރިޕޯޓް ކޮށްފައެވެ.