މިނިމަމް ވޭޖް ކަނޑައެޅުމުގައި މި ސަރުކާރުން އަމަލު ކުރީ "އަމާ ބުނީތީ ފަރަށްދާ އުސޫލުން" ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ސަރުކާރަށް ފާޑުވިދާޅުވެޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން އިދިކޮޅު މެންބަރު، ޝިޔާމް ވިދާޅުވީ މިނިމަމް ވޭޖް ކަނަޑައެޅުމުގައި ގިނަ ކަންތައްތަކެއް ބަލަން ޖެހޭ ކަމަށެވެ. އެ ގޮތުން އިގްތިސޯދީ ހާލަތަށް ކުރާނެ އަސަރުތައް ވެސް ބަލަން ޖެހޭ އިރު ހޯމްވޯކްތަކެއް ވެސް ހަދަން ޖެހޭ ކަމަށާއި އެއިން ކަމެއް ނުކޮށް މި ސަރުކާރުން އަވަސް އަރުވާލައިގެން "އަމާ ބުނީތީ ފަރަށްދާ އުސޫލުން" މިނިމަމް ވޭޖް ކަނޑައަޅާފައިވާ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މިނިމަމް ވޭޖު ކަނޑައެޅުމާ އެކު ބާޒާރުގައި ތަކެތީގެ އަގު ވެސް މައްޗަށް އުފުލޭނެއެވެ. މިއީ ދިރިއުޅުމުގެ ހަރަދު ބޮޑުވެ ކުލިތައް ބޮޑުވެގެން ދާނެ އެއް ކަމެވެ. ހަމައެއާއެކު ކަނޑައެޅި މިނިމަމް ވޭޖް އަންނަ ޖެނުއަރީ މަހު ތަންފީޒް ކުރާ އިރު، ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައަޅާފައި ނެތުމަކީ ވެސް ކަންބޮޑުވާން ޖެހޭ މައްސަލައެއްގެ ގޮތުގައި ޝިޔާމް ފާހަގަ ކުރެއްވިއެވެ.

"ބައިވަރު ހޯމްވޯކް މީގައި ހަދަން ހުއްޓައި ހަމަ ކުއްލިއަކަށް ކަމެއް ކުރުމުގެ ބޭނުމުގައި ކޮށްފައި މިއޮތީ. މިއީ ޒަމާނުއްސުރެން މީހުން ދެކެމުން އައި ހުވަފެނެއް. އެކަމަކު ކަނޑައަޅަން ގިނަ ކަންތައްތަކެއް ހުއްޓައި އިއުލާން މިކުރީ،"
އަހްމަދު ޝިޔާމް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވިޔަފާރިތަކާއި ހިންގާ ކަންކަން ރެގިއުލޭޓް ރާއްޖޭގައި ނުކުރެވި އޮއްވައި ވޭޖް ކަނޑައެޅުމަކީ ނަޖާއިޒު ފައިދާތަކެއް އިތުރަށް ހުޅުވޭ ދޮރެއް ކަމަށް ވިދާޅުވި އެވެ. މި ބަދަލުން، ޝިޔާމް ވިދާޅުވި ގޮތުގައި، ވަޒީފާގެ ބާޒާރުގައި ބިދޭސީން އަނެއްކާވެސް އަތްގަދަކުރާނެއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އަންނަނީ އިއުލާން ކުރި މިނިމަމް ވޭޖާ ގުޅޭ ދިރާސާއެއް ހަދަމުން ކަމަށެވެ. އޭގެ ތަފްސީލްތައް ފަހުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރަ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިންނަށް ކަނޑައެޅި އިރު، އެ މީހުންގެ އުޖޫރަ ހަމަޖެއްސުމުގައި މުސާރައިގެ އިތުރުން ފިކްސްޑް އެލަވަންސް އޭގައި ހިމެނޭނެ ގޮތަށް ވަނީ ނިންމާފައެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމީހުން ވަނީ އެމީހުންނަށް ހައްގުވާ މިންވަރު ދިނުމަށް ގޮވާލާފައެވެ.

މިނިމަމް ވޭޖް ކަނޑައެލޫމުގައި ހަތަރު ދާއިރާއެއް ވަނީ ކަނޑައަޅާފައެވެ. އެއީ ކުދި ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަދުވެގެން މަހަކު 4500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް މަދުވެގެން މަހަކު 7000 ރުފިޔާ، ބޮޑެތި ވިޔަފާރިތަކުގެ މުވައްޒަފުންނަށް މަދުވެގެން މަހަކު 8000 ރުފިޔާ، އަދި ސިވިލް ސާވިސް މުވައްޒަފުންނަށް މަދުވެގެން މަހަކު 7000 ރުފިޔާއެވެ.