މިނިމަމް ވޭޖާ މެދު ހިތްހަމަނުޖެހިގެން ބައެއް ރިސޯޓުތަކުގެ މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖްއާ ދެކޮޅަށް ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަޑު އުފުލަމުން ދާއިރު، އެމީހުން އަންނަނީ ހިތްހަމަނުޖެހުމުގެ ޝުއޫރު ފާޅުކޮށް ހައްގުވާ މިންވަރު ދިނުމަށް ގޮވާލަމުންނެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމަށް ވެސް އިހްތިޖާޖްގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށްވެސް ބައިވެރިން ވަނީ ގޮވާލާފައެވެ.
ރިސޯޓު މުވައްޒަފުން ވަނީ ސަރުކާރުން ވައުދުވި ފަދައިން މިނިމަމް ވޭޖް 10،000 އަށް ބޮޑުވެފައި ނުވާތީވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިނިމަމް ވޭޖްގެ ސީދާ މަންފާ ވަޒީފާ އަދާކުރާ ފަރާތްތަކުގެ 40-50 ޕަސެންޓް މަސައްކަތްތެރިންނަށް ކުރާނެ ކަމަށް އިއްޔެ ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އެއީ ގާތްގަނޑަކަށް 54،000 މުވައްޒަފުން ކަމަށާއި މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ 13،000 މުވައްޒަފުން ހިމެނޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެކި ރިސޯޓްގައި އެކި ވަޒީފާތަކުގެ މެދުގައި މުސާރައިގެ ވަރަށް ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަ ކުރެއްވިފައި ވާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ފައްޔާޒު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތެއްގެ އެވްރެޖް މުސާރައަކީ 4000 ރުފިޔާ އާއި 5000 ރުފިޔާ އާ ދެމެދުގެ އަދަދެއް ކަމަށެވެ. އަދި މިނިމަމް ވޭޖްގެ ސަބަބުން ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ 60 ޕަސެންޓް މުވައްޒަފުންގެ މުސާރަ ދެގުނަ ވެގެން ދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
މިނިމަމް ވޭޖާއެކު ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ދަށްކޮށް ވެސް 12،000 ރުފިޔާ މުސާރައަށް ލިބޭނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް ދޭ ސާވިސްޗާޖަކީ ދިނުން މަޖުބޫރު އެއްޗަކަށް މިސަރުކާރުން ހަދާފައި ވާއިރު އެކަމުގެ ސަބަބުން ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮންމެ މަހަކު އެވްރެޖްކޮށް 5000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުގެ އަދަދެއް އިތުރަށް ލިބޭ ކަމަށެވެ.