އޭޝިއާގެ ބައެއް ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނު އިންޑިއާ އަދި ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ޖުމްލަ 9 މީހަކު މަރުވެއްޖެއެވެ.
އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެގައުމުގެ ޓެމިލް ނާޑޫގެ އެކި ހިސާބުތަކަށެވެ. ޓެމިލް ނާޑޫ ސްޓޭޓުގެ ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓަރު ކޭކޭ އެސްއާރް ރަމަޗަންދްރަން ވިދާޅުވީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ހިނގާފައިވާ އެކި ހާދިސާތަކުގެ ސަބަބުން ހަތަރު މީހަކު މަރުވެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ،
އަދި މިހާދިސާތަކުގެ ސަބަބުން އެތައް ބައެއް ހާލުގައި ޖެހިފައިވާ ކަމަށާ އެ މީހުންނަށް އެހީވުމުގެ ގޮތުން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން 150ށް ވުރެ ގިނަ ރިލީފް ކޭމްޕް ރައްކާތެރި ހިސާބުތަކުގައި ގާއިމް ކޮށްފައިވާ ކަމަށެވެ.
އޭޝިއާ ސަރަހައްދުން އެންމެ ބޮޑަށް މި ވިއްސާރައިގެ އަސަރު ކުރަމުންދާ ސްރީލަންކާގައި މި ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހި 25 ޑިސްޓްރިކްޓްގެ ތެރެއިން ދެބައިކުޅަ އެއްބައި ޑިސްޓްރިކްޓުގައި، ވަނީ ފެންބޮޑުވެފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އެ ގައުމުގައި ސައިފަތް ދަނޑުތައް ހައްދާ ސެންޓްރަލް ހައިލޭންޑްސް ސަރަހައްދަށެވެ.
މިކަމާ ގުޅިގެން ލަންކާގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ ބައެއް ޑިސްޓްރިކްޓް ތަކަށް 150 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ދިމާވި ހާދިސާތުން އެގައުމުން މީހުން މަރުވެފައި ވަނީ އެ ގައުމުގެ އުތުރާއި މެދު، ދެކުނު އަދި ހުޅަނގު އުތުރު ސަރަޙައްދު ތަކުން ކަމަށެވެ.
މީގެ އިތުރުން މީހުން މަރުވުމުގެ އިތުރުން މީހުން ގެއްލިގެން ވެސް ރިޕޯޓު ކުރަމުން ދާ ކަމަށާ މިހާތަނަށް އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އެ ސެންޓަރުން ބުނެއެވެ.