އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ފިލިޕީންސް ނަރުހެއް މަރުވި މައްސަލައިގައި ހެދި ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި އޭނާ މަރުވީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ފިލިޕީންސް ނަރުސް މަރުވެފައި ވަނީ ދަންޖެހިގެން ކަމަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓުން ނުދައްކާ ކަމަށެވެ. އޭނާ މަރުވެފައި ވަނީ ލިބުނު އަނިޔާ ތަކެއްގެ ސަބަބުން ކަމަށް ފުލުހުން ޕޯސްޓް މޮޓަމް ރިޕޯޓާ ހަވާލާދީ ބުނެއެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ފުލުހަށް ހުށަހެޅި މި މައްސަލަ ތަހުގީގު ކުރުމަށް ވަނީ އެ އަންހެންމީހާގެ ހަށިގަނޑު މި މަހުގެ އެއްވަން ދުވަހު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައެވެ. މަރުވެފައި ވަނީ މޭރީ ގްރޭސް ނަމަކަށް ކިޔާ ނަރުހެކެވެ،

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ދަންޖެހިގެން މަރުވިކަން ސޯޝަލް މީޑިއާގައި އޭރު ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް މި މައްސަލައިގައި، މޭރީ މަރުވީ ދަންޖެހިގެން ކަން ކަށަވަރު ވެފައި ނުވާ ކަމަށާއި އަދި އޭނާގެ ކަރުގައި ދަންޖެހިފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އޭރު ރަސްމީ ކޮށް ފުލުހުން މި މައްސަލައާ ގުޅިގެން ވަކި އެއްޗެއް ނުބުނެއެވެ.

މޭރީ ގްރޭސް އަކީ ކައިވެނި ކޮށްގެން ދަރިއެއް ވެސް ހުންނަ މީހެކެވެ. އަދި އޭނާގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ އައިޖީއެމްއެޗްގެ އީއާރްގައި ނަރުހެއްގެ ގޮތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނަރުސް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ ފިރިމީހާއާ ދިމާވި މައްސަލައަކަށް ފަހުއެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 29 އަހަރުގެ، މޭޜީގެ ފިރިމީހާ ވަނީ ހައްޔަރު ކޮށްފައެވެ. އޭނާގެ ބަންދަށް ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައެވެ.