ސްރީލަންކާގައި މިރޭ ފަށުމަށް ހަމަޖެހިފައިވާ "ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތުގެ ރާއްޖެ ކުލޭ ހުރިހާ މެޗެއް ސްޓެލްކޯގެ މާޓީވީން ބެލޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިރޭ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ލަންކާގެ ގަޑިން ރޭގަނޑު 8 ޖަހާއިރުއެވެ. އެއީ ރާއްޖެ ގަޑިން 8:30 އެވެ.

މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕް އަކީ ހަތަރު ގައުމެއް ވާދަކުރާ ފުޓްބޯޅަ މުބާރާތެކެވެ. ސްރީލަންކާ އިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވާ ހަތަރު ގައުމަކީ ސްރީލަންކާ އާއި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ.

މިރޭ ގެ މެޗަށް ފަހު ރާއްޖެ ދެން ބައްދަލު ކުރަން ހަމަޖެހިފައި ވަނީ ބަންގްލަދޭޝް ޓީމާ އެކުގައި ކުލޭ މެޗެވެ. ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗް ތާވަލުކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހު 3:30 ގައެވެ. އަދި ރާއްޖެއާއި ސީޝެލްސްއާ ބައްދަލު ކުރާ މެޗު ތާވަލު ކޮށްފަިއ ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 3:30 ގައެވެ.

މި މުބަރާތް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ފަސްޓް ލޭޑީ ފަޒްނާ އަަހްމަދު ވަނީ ލަންކާ އަށް ފުރާވަޑައިގެންފައެވެ. އެ ދެކަނަބަލުން ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

ސްޓެލްކޯއިން އެ ކުންފުނީގެ މާޓީވީން ރާއްޖެ ކުލޭ ހުރިހާ މެޗެއް ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ބުނެފައިވާ އިރު، މިރޭ ރާއްޖެއާއި ލަންކާ ކެޅޭ މެޗު ކާނިވާ ސަރަހައްދުގައި އަދި ޒުވާނުންގެ މަރުކަޒުގައި ހުންނަ ބޮޑު ސްކްރީނުން ދައްކާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.