ކޮވިޑްގެ ސަބަބުން އެހެން ގައުމުތަކުގެ ރައްޔިތުންނަށް އެމެރިކާގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ 20 މަސް ދުވަހަށް ފަހު ބޯޑަރުތައް އަލުން ހުޅުވާލަން އެމެރިކާއިން ނިންމައިފިއެވެ.

އެހެން ގައުމުތަކުގެ ރައްޔިތުންނަށް އެމެރިކާއަށް ވަނުމުގެ ހުއްދަ މިއަދު ލިބިގެންދާ އިރު އެގައުމަށް ވަދެވޭނީ ކޮވިޑް އިން ދިފާއު ވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައި ވާ މީހުންނަށް އެކަނި ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

އެމެރިކާގެ ބޯޑަރުތައް ހުޅުވާލުމަށް ހަދާފައިވާ ގަވައިދުގެ ދަށުން އެގައުމަށް ވަނުމުގެ ކުރިން ކޮވިޑް ވެކްސިން ޖެހިކަން އަންގައި ދޭ ކާޑު ދައްކަން ޖެހެއެވެ. މީގެ އިތުރުން ތިން ދުވަސް ނުވާ ކޮވިޑް ނެގެޓިވް ނަތީޖާއަކާއި ދަތުރުވެރިޔާގެ އިތުރު މައުލޫމާތު ވެސް ހުށަހަޅަން ޖެހެއެވެ.

މިގޮތަށް އަންނަ ދަތުރުވެރިން އެމެރިކާގައި ކަރަންޓީނުވާކަށް ނުޖެހެއެވެ.

ކޮވިޑްގެ ސަބަބުން އެހެން ގައުމުތަކުގެ ރައްޔިތުންނަށް އެމެރިކާގެ ބޯޑަރުތައް ބަންދުކުރީ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައެވެ.

މިގޮތުން 2020 ވަނަ އަހަރުގެ ކުރީކޮޅު ޗައިނާއިން އަންނަ ފަރާތްތަކަށް އެމެރިކާއަށް ނުވަދެވޭ ގޮތް ހެދި އިރު ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު އެހެން ގައުމުތަކުން އަންނަ މީހުންނަށް ވެސް އެމެރިކާގެ ބޯޑަރުތައް ބަންދުކުރިއެވެ.

މީގެ ތެރޭގައި ވިލާތުގެ ބޮޑެތި ގައުމުތަކުގެ އިތުރުން އިންޑިއާ، ދެކުނު އެފްރިކާ އަދި ބްރެޒިލް ފަދަ ގައުމުތައް ވެސް ހިމެނެއެވެ.

އެމެރިކާގެ ބޯޑަރުތައް ހުޅުވާލުމާއެކު ވައިގެ މަގުން އެގައުމަށް އަންނަ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެގެންދާނެ ކަމަށް އެމެރިކާގެ އޮފިޝަލުން އަންދާޒާކުރެއެވެ.