ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން އެމެރިކާގެ އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖްބޫރުކޮށް ރައީސް ޖޯ ބައިޑަން ނެރުއްވި އަމުރަށް އެމެރިކާގެ ކޯޓުން ހުރަސް އަޅައިފިއެވެ.
މިއަމުރުގެ ދަށުން 100 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކުގެ ހުރިހާ މުވައްޒަފުން ކޮވިޑް ވެކްސިން ޖެހުން މަޖްބޫރުކުރުވާ އިރު ކޮންމެ ހަފްތާއަކުން ކޮވިޑް ޓެސްޓްކުރަން ވެސް މި އަމުރުގައި ގޮވާލާއެވެ.
މިކަމާ ގުޅިގެން އެމެރިކާގެ އެޕީލްސް ކޯޓުން ބުނީ އަންނަ ޖެނުއަރީ މަހު ތަންފީޒުކުރުމަށް ތައްޔާރުވަމުން އަންނަ މި އަމުރުގައި ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ހަނިކުރުމަށް މެދުވެރިވާފަދަ މައްސަލަތައް ހުރި ކަމަށެވެ. އަދި މި ވަގުތަށް މިއަމުރާ ގުޅޭ ކަންކަން ތަންފީޒުކުރުން މަޑު ޖައްސާލަން ބައިޑަންގެ ސަރުކާރަށް އަންގާފައިވާ އިރު އަންނަ ހޯމަ ދުވަހު މިކަމާ ގުޅިގެން ކޯޓަށް ޖަވާބުދާރީވުމަށް ވެސް ސަރުކާރަށް ވަނީ އަންގާފައެވެ.
އެމެރިކާގެ އެޕީލްސް ކޯޓުން މިފަދަ ނިންމުމެއް ނިންމީ އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީއިން ކޮންޓްރޯލް ކުރާ ފަސް ސްޓޭޓަކާ، ގިނަ އަމިއްލަ ކުންފުނިތަކާ ދީނީ ޖަމާއަތްތަކުން މިކަމުގައި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
އެފަރާތްތަކުން ބުނެފައިވަނީ މިއަމުރާއެކު ބައިޑަން ވަނީ ރައީސް ކަމުގެ މަޤާމުން ލިބޭ ބާރުގެ ނަހަ ބޭނުން ހިއްޕަވާފައި ކަމަށް ބުނެ ބައިޑަން ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.