މި ޖަޒީރާތަކުގެ އަހުލުވެރިންނަށް މާތް ﷲ ދެއްވާފައިވާ އެންމެ މަތިވެރި ނިއުމަތަކީ، އެކަލާނގެ އެއްކައުވަންތަކަމުގެ ނޫރުން ދިވެހިންގެ ހިތްތައް އުޖާލާކުރެއްވުން ކަމަށް ރައީސް އިބްރަހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމާއި އެއްބަނޑު އެއްބަފާ ކަމުގެ މަތިވެރި ގުޅުމުގެ އަސާސަކީ، އިސްލާމްދީނުގެ މަތިވެރި އަހުލާގީ ބިންގަލުގެ މަތީގައި ދިވެހިންގެ ދަރިން ތަރުބިއްޔަތު ކުރުމުގެ މަތިވެރި ނަސީބު މިންވަރު ކުރައްވާފައި ވުމެވެ. އަދި ކާބަފައިން މިގައުމުގައި ގާއިމު ކޮށްދެއްވި ދިވެހި ގައުމިއްޔަތު ބިނާކުރައްވާފައި ވަނީވެސް، މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، ﷲ ދެއްވާފައިވާ މި މަތިވެރި ނިއުމަތަށްޓަކައި، ތާއަބަދު އަޅުގަނޑުމެން ޝުކުރުވެރިވާން ޖެހޭ ކަމަށާއި އެ މަތިވެރި ނިއުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ގައުމީ ވާޖިބެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ މަތިވެރި ވާޖިބު އަދާކުރުމަށްޓަކައި، އަޅުގަނޑުމެންގެ ތުއްތު ދަރިންގެ ހިތްތަކުގައި، އިސްލާމްދީނުގެ ސައްހަ އަގީދާ ފުރިހަމައަށް ސާބިތުކޮށް ދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ރައީސްގެ ހިތޯބުގައި ވަނީ އެދިވަޑައިގެންފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިސްލާމީ ދިވެހި މުޖުތަމައަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި އަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި ފެތުރުމަށް، ބަޔަކު ކުރަމުންދާ މަސައްކަތް ކަމަށެވެ. ނަތީޖާއަކަށް ވަނީ، އެފަދަ ފިކުރުތައް ގަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމުގެ ނިރުބަވެރި އަމަލުތައް ހިންގަން ފެށުން ކަމަށާއި މި ސަބަބަށްޓަކައި، އަޅުގަނޑުމެންގެ އިލްމުވެރިންނާއި މުދައްރިސުންވެސް، އިސްލާމްދީނުގެ ސައްހަ އަގީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށް ދިނުމަށް، ހާއްސަ ސަމާލުކަން ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާ އިރު، އަޅުގަނޑުމެންގެ ވިސްނުން މިއަދު އަމާޒުކުރަންވީ އެންމެ މުހިންމު ކަމަކީ، ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ވަރުގަދަ ގުޅުމުން، މީސްތަކުންގެ ހިތްތައް ގުޅުވައިލަ ދިން، އިސްލާމީ ރިވެތި އަހުލާގުގެ މަތީގައި ސާބިތުވެ ތިބުމަށް ކަމަށް ރައީށްގެ ހިތޯބުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖެ އިސްލާމް ދުވަހަކީ ނޮވެމްބަރު 7 ވާ އާދިއްތަ ދުވަހެވެ.