މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ލިބޭ ފުރަތަމަ ތިން މަހުގެ މުސާރަ ބޭނުންވެވަޑައިގަންނަވަނީ ކްރިޕްޓޯ ކަރަންސީ، ބިޓްކޮއިން އިން ކަމަށް ނިއުޔޯކުގެ މޭޔަރު ކަމަށް އަލަށް ހޮވިވަޑައިގެން އެރިކް އެޑަމްސް ވިދާޅުވެއްޖެއެވެ.

ކުރީގެ ޕޮލިސް ކެޕްޓަން އެޑަމްސް މޭޔަރު ކަމަށް ހޮވިވަޑައިގެންނެވީ މިހަފްތާގައެވެ. އަދި މިހާރުގެ ނިއުޔޯކުގެ މޭޔަރު ބިލް ޑެ ބްލޭސިއޯގެ ދައުރު ހަމަވުމުން އެޑަމްސް މޭޔަރު ކަމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ ޖެނުއަރީގައެވެ.

އެޑަމްސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މޭޔަރަށް ވެ ލިބިވަޑައިގަންނަވާ ފުރަތަމަ ތިން މަހުގެ މުސާރަ ބޭނުންވެވަޑައިގަންނަވަނީ ބިޓް ކޮއިން ކަމަށާ، އޭނާގެ މޭޔަރު ކަމުގައި ނިއުޔޯކު އަކީ ކްރިޕްޓޯ ކަރަންސީ ސިނާއަތުގެ މައި މަރުކަޒަށް ވެގެންދާނެ ކަމަށެވެ.

އެޑަމްސް އިތުރަށް ވިދާޅުވީ، ކްރިޕްޓޯ ކަރަންސީ ނޫން ވެސް އެހެން ކުރިއަރަމުން އަންނަ އެހެން ސިނާއަތްތަކަށް ނިއުޔޯކު މަރުހަބާ ކިޔާ ކަމަށެވެ.

ކްރިޕްޓޯ ކަރަންސީއަށް ތައުރީފުކޮށް ވާހަކަ ދައްކަވާފައިވަނީ އެޑަސް އެކައްޏެއް ނޫނެވެ. އެމެރިކާގެ މިއާމީގެ މޭޔަރު ކަމަށް ދެވަނަ ފަހަރަށް ހޮވިވަޑައިގެން ފްރޭސިސް ސުއާރޭޒް ވެސް ވަނީ އޭނާގެ ފުރަތަމަ މުސާރަ ބިޓް ކޮއިންއިން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ބިޓް ކޮއިން އަކީ ދުނިޔޭގެ މިވަގުތު އެންމެ ގިނައިން ބޭނުން ކުރާ ކްރިޕްޓޯ ކަރަންސީ ނަމަވެސް 2009 ވަނަ އަހަރު ބިޓް ކޮއިން އުފެދުނު ފަހުން އޭނގެ އަގު އެއްވަރެއްގައި ހިފަހެއްޓިފައެއް ނުވެއެވެ.