އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގެ މަގްސަދުގައި ބޭއްވި އައިއެފް އިނޮފެސްޓް 2021ގެ އެންމެ އީޖާދީ ހިޔާލު ހުށަހެޅުއްވި ފަރާތަކަށް ޑރ އައިޝަތު މުނީޒާގެ ހުށަހެޅުން ހޮވިއްޖެއެވެ.

އައިއެފް އިނޮފެސްޓް 2021 އަކީ މެލޭޝިއާގެ ސެންޓްރަލް ބޭންކުން ހިންގާ ޔުނިވާސިޓީ އައިއެންސީއީއައިއެފް އާއި، އެފްޑަބްލިއުޑީ ތަކާފުލާއި އައިކަނެކްޓް އިންތިޒާމް ކޮށްގެން މުބާރާތެކެވެ.

މި މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުން ބުނީ، މި މުބާރާތުގެ މަގްސަދަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އީޖާދީ ހިޔާލުތަކަށާއި ޕްރޮޕޯސަލްތަކަށް ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށެވެ.

މިއީ އައިއެފް އިނޮފެސްޓް ބާއްވާ ހަވަނަ އަހަރު ކަމަށް ވާއިރު، މިފަހަރުގެ މުބާރާތުގައި ބައިވެރިވުމަށް އިސްލާމިކް ފައިނޭންސް ދާއިރާގައި ހަރަކާތްތެރިވާ އެކި ގައުމުތަކުގެ އެކި ފަރާތްތަކަށް މިދިޔަ ޖުލައި މަހު ފުރުސަތު ހުޅުވާލި އިރު، އޭގެ ތެރެއިން އަށް ފަރާތެއް ހޮވައި، އެ އަށް ފަރާތުގެ ހިޔާލުތައް ވަނީ އިއްވާފައެވެ.

މި މުބާރާތަށް އެކި ފަރާތްތަކުން ތަފާތު ޕްރޮޕޯސަލްތައް ހުށަހެޅިއިރު، ހޮވާލެވުނު އަށް ހިޔާލެއް ވަނީ މިމަހުގެ ތިންވަނަ ދުވަހު ހުށަހަޅާފައެވެ. އެ ހިޔާލުތައް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް ދިޔަ ފަރާތަށް 15،000 ރިންގިޓް (55،730ރ.) ދިން އިރު ދެވަނަ އަށް ދިޔަ ފަރާތަށް 10،000 ރިންގިޓް (37،153ރ.) ވަނީ ދީފައެވެ. އަދި ތިންވަނައަށް ދިޔަ ފަރާތަށް 5،000 ރިންގިޓް (18،577ރ.) ދިން އިރު، ބާކީ ފަރާތްތަކަށް ވަނީ 1،000 ރިންގިޓް (3،715ރ.) ދީފައެވެ.

އައިއެފް އިނޮފެސްޓް 2021 އިން އެއްވަނައަށް ދިޔަ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާ އާއި އިންޑިއާގެ ޑރ. ޝިނާޖް ޝަމްސުއްދީން ---

މި މުބާރާތުން އެއްވަނަ ލިބުނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާ އާއި އިންޑިއާގެ ޑރ. ޝިނާޖް ޝަމްސުއްދީން ހުށަހެޅުއްވި ހިޔާލަށެވެ.

މިއަހަރު ބޭއްވި އައިއެފް އިނޮފެސްޓް މުބާރާތުގައި ބައިވެރިވީ ހަތް ގައުމަކުންނެވެ. އެ ހަތް ގައުމަކީ ބްރޫނާއީ، އިންޑިއާ، މޮރިޝަސް، މެލޭޝިއާ، އިންޑޮނޭޝިއާ، ސިންގަޕޫރު އަދި ޕާކިސްތާނެވެ.

މި މުބާރާތުގެ މިއަހަރުގެ ޝިއާރަކީ "ވެލިއު ބޭސްޑް ތަކަފުލް އާއި އީޖާދީ، އިންކްލޫސިވް އަދި ހަމަހަމަ އިސްލާމީ އިންޝުއަރެންސްއާ ދިމާއަށް ދިއުން،." މިއެވެ.