މާލެ ސަރަހައްދުގައި ހުރި ގަރާޖުތަކާއި ގުދަންތައް ބަދަލު ކުރަން ނިންމާފައިވާ "އިންޑަސްޓްރިއަލް ވިލެޖް" އަށް ކުނި އަޅާ މައްސަލަ ބޮޑު ވެއްޖެއެވެ.
ތޮއް ޖެހިފައި މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކަށް ހާއްސަކޮށް 2016 ވަނަ އަހަރު މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުން 6.9 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކައި "އިންޑަސްޓްރިއަލް ވިލެޖް" ގާއިމް ކުރަން ފެށިއެވެ. އެ ސަރަހައްދުގެ މަސައްކަތް ނިންމާފައި އެތަން ހުހަށް އޮންނަތާ އަހަރުތަކެއް ވީ އިރު، އެ ސަރަހައްދަށް ގެނައި ބަދަލަކީ އެ ތަނުގައި ޕެޓްރޯލް ޝެޑެއް ގާއިމް ކޮށް އެ ސަރަހައްދުން ވެމްކޯ އަށް ކުނި ބޭރުކުރަން ހާއްސަ ސަރަހައްދެއް ހަމަޖެއްސުމެވެ.
މާލޭގެ ހަލަބޮލި މާހައުލަށް އިތުރު ލުޔެއް ލިބިގެން ދާނެ ކަމަށް ބުނެ ކުރީ ސަރުކާރުން ތަރައްގީ ކުރި އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް މިއަދާ ހަމައަށް އިތުރަށް ކުރިއަށް ނުދާ ކަން ފާހަގަ ކުރެވެއެވެ. ގުދަންތަކާއި ގަރާޖުތައް ފަދަ ސިނާއީ މަސައްކަތް ކުރާ ތަންތަން އެއް ސަރަހައްދަކަށް ބަދަލުކުރުމުގެ ޕްލޭނެއްގެ ދަށުން ބިން ހިއްކައިގެން ގާއިމް ކުރި އިންޑަސްޓްރިއަލް ވިލެޖަށް އެކި ކަހަލަ ކުނިތައް ޖަމާވުމުގެ މައްސަލަތައް މީގެ ކުރިން ވެސް އައީ ފެންނަމުންނެވެ.
ނަމަވެސް ކައުންސިލް ބަދަލުވެ، މި އަހަރު ތެރޭ މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ވަނީ އެ ސަރަހައްދަށް ޖަމާވެފައިވާ ކުނިތައް ނަގާ އެ ސަރަހައްދު ސާފުކޮށްފައެވެ. އަދި އެ ސަރަހައްދުގައި ހުރި ބޮޑެތި ވެހިކަލްތައް ނަގާ ވަނީ އެތަނުގައި ފާކިން ޒޯންތަކެއް ވެސް ކުރަހާފައެވެ. މި މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރީ މާލެގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ގުދަން ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމަށް ކަމަށް ބުނެއެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް އެ ސަރަހައްދަށް ވަނީ ގިނަ އަދަދެއްގެ ކުނިބުނި ޖަމާވެފައެވެ. ގޮދަޑި އާއި ފޮށިގަނޑު ގަނޑާއި އަދި އެހެނިހެން ބާވަތްތަކުގެ ގިނަ ކުނި ވަނީ އިންޑަސްޓްރިއަލް ޒޯންގެ އެންމެ ބޭރު މަގަށް އަޅާ ގޮނޑަކަށް ހަދާފައެވެ.
ކުންޏަކީ މީހެއްގެ އެހީއަކާ ނުލާ އެތަނަށް ދާނެ އެއްޗެއް ނޫނެވެ. އެ ސަރަހައްދުގައި ގިނަ އަދަދަކަށް ކުނި ޖަމާވެފައި އެ ހުންނަނީ ވެމްކޯއަށް އާންމުން އުކާލުމަށް ގެންދާ ކުނި ކަމަށް ބައެއް މީހުން ބުނެއެވެ.
ކޮވިޑްގެ ހާލަތު ރަނގަޅު ވާން ފެށުމާއެކު ވެމްކޯއިން ގޭގެއަށް ވަދެ ކުނި ނަގަން ފެށި އިރު ރަޖިސްޓާ ނުކުރާ ގެތަކުން ކުނި ނުނަގާ ގޮތަށް ނިންމުމުން މާލޭގެ މަގުތަކަށް ވެސް ކުނި ނެރެފައި ހުރި މައްސަލަ އުފެދިގެން ވެގެން އައެވެ. ނަމަވެސް ފަހުން މާލޭގެ މަގުތަކުގައި ކުނި ބަހައްޓާފައި ހުންނަ މައްސަލަ ހައްލުވި އިރު، ރަޖިސްޓާ ނުކުރާ ގެތަކުން ނުވަތަ ކޮންމެވެސް ސަބަބަކާ ހުރެ ވެމްކޯއިން ކުނި ބަލާ ނުވަދެވޭ ގެތަކުން ކުނި ކޮތަޅު ހިފައިގެން ވެމްކޯ ކުނި އުކާ ސަރަހައްދަށް އެ ހަވާލުކުރަން ދެއެވެ.
މި ދިޔަ ސެޕްޓެމްބަރު މަހުގެ މެދު ތެރެއިން ފެށިގެން ވެމްކޯއިން ވަނީ އާންމުން އުކާލަން އެ ތަނަށް ގެންދާ ކުނި ކޮތަޅުތަކުން އަގު ނަގާ ގޮތަށް ހަމަޖައްސާފައެވެ. ކުނި ގެންދާ ވެމްކޯގެ ސަރަހައްދުން އާންމުން ގެންދާ ކުނި ބުނިތަކާ ހަވާލުވާ އިރު އަގެއް ނަގާތީ ބައެއް މީހުން އިންޑަސްޓްރިއަލް ޒޯން ތެރެއަށް ކުނި އަޅަމުން ދާ ކަމަށް ބައެއް މީހުން ބުނެއެވެ. މީގެ އިތުރުން އެ ސަރަހއްދަށް ވަދެ ހަދާ ބައެއް ޒުވާނުން ފެންފުޅިއާއި ލުއި ކާނާގެ ދަޅު ޕެކެޓް ފަދަ ތަކެތި ބޭނުން ކުރުމަށް ފަހު އެ ސަރަހައްދަށް އުކާ ކަމަކީ ވެސް ފާހަގަ ކުރެވޭ ކަމެކެވެ.
މާލެ ސާފުކޮށް ބޭއްވޭނީ އެންމެންވެސް ސާފުތާހިރު ވެގެންނެވެ.