ސިފައިންނަކީ ގައުމީ ފެންވަރުގެ އިނާމު ހައްގުވާ ވަރުގެ މަސައްކަތްތަކެއް ކުރާ ބައެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ ފާހަގަ ކުރައްވައިފިއެވެ.

މާރިއާ މިހެން ވިދާޅުވީ، ނަސްރުގެ ދުވަހާ ގުޅިގެން ޑިފެންސް މިނިސްޓަރު ދެއްވި ހިތާބުގައެވެ. މާރިއާ ވިދާޅުވީ، ސިފައިން ކުރާ ބުރަ މަސައްކަތަކީ ގައުމީ ފެންވަރުގެ އިނާމެއް ހައްގުވާ މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން މެއި 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި، މުޅި ގައުމަށް ނާމާން ކަމާއި އަނދިރިކަން ކުރިމަތިވި ވަގުތުގައި، ދިވެހި ގައުމީ ދިފާއީ ބާރުން ދެއްކި ސާބިތު ކަމަށްޓަކައި ގައުމީ ފެންވަރުގެ އިނާމެއް ހައްގު ވާ ކަމަށް، 6 މެއިގެ މައްސަލަ ބެލި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބުނެފައިވާ ކަމަށްވެސް މާރިއާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، ކޮންމެ ސިފައިންގެ މީހަކު، އެއްވެސް ވަރުބަލި ކަމެއް ނެތި، ރެއާއި ދުވާލު، ކުރާ ބުރަ މަސައްކަތަކީ ގައުމީ ފެންވަރުގެ އިނާމެއް ހައްގު މަސައްކަތެއް"
ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ

މެއި މަހުގެ 6 ވަނަ ދުވަހު، ދިން ޓެރަރިސްޓު ހަމަލާގައި، ރައީސް ނަޝީދުގެ ހަށިފާރަވެރިންގެ ގޮތުގައި ތިބި ސިފައިންގެ މީހުން ވަނީ ހިތްވަރާއި ހުށިޔާރު ކަމާއި ގާބިލު ކަމުގެ ނަމޫނާ ދައްކާފައި ކަމަށް މާރިއާ ވިދާޅުވިއެވެ. އެ ހާދިސާ ހިނގި ހައްސާސް ދަނޑިވަޅުގައި، ހަށިފާރަވެރިންގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކާ އެކު ވެސް، އެ މީހުންގެ އަމަލުތައް ބެހެއްޓީ ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް މާރިއާ ފާހަގަ ކުރެއްވިއެވެ.

ނަސްރުގެ ދުވަހާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މާރިއާ އިތުރަށް ވިދާޅުވީ، 3 ނޮވެންބަރު 1988 އަކީ ދިވެހި ގައުމީ ދިފާއީ ބާރުގެ ހަނދާނުން ފިލައިގެން ނުދާނެ ތާރީހެއް ކަމަށެވެ. އެއީ، ދިވެހި ސިފައިން، ގައުމުގެ އުދުވާނުންނާ ކެރިގެން ކުރިމަތިލައި، ދުޝްމަނުން ބަލިކޮށް، ގައުމުގެ މިނިވަންކަމާއި އިސްތިގްލާލްގެ ހިމާޔަތުގައި، ފުރާނަ ގުރުބާން ކުރި ދުވަހެއް ކަމަށެވެ.

"މިއަދު ވެސް، ޝަހީދު ހުސައިން އާދަމް ފަދަ އަބްތާލުންގެ ޒުކުރާ، އަޅުގަނޑުމެން ރައްޔިތުން މި އާ ކުރަނީ، ފަހުރާއި ޝަރަފުން ފުރިގެންވާ ހިތަކައިގެން. މި ފުރުސަތުގައި، 3 ނޮވެންބަރުގައި، ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް، އަވައްޓެރި އިންޑިއާ ސަރުކާރުން އަސްކަރީ ގޮތުން ވެދިން އެހީތެރިކަމަށް ޓަކައި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރަން"
ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ

ސިފައިންނަކީ ފަންނީ، ގާބިލު، ޕްރޮފެޝަނަލް، "ފައިޓިން ފިޓް ފޯސް" އަކަށް ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ހަރުދަން ތަސައްވުރު ހަގީގަތަކަށް ހެދުމުގައި، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ގިނަ ކުރިއެރުން ތަކެއް ހާސިލު ކޮށްފައިވާ ކަމަށް މާރީޔާ ވިދާޅުވިއެވެ. "ސިފައިންގެ ގާބިލުކަން - ގައުމުގެ އަމާންކަން" މި ޝިއާރުގެ ދަށުން، މިއަދު ވެސް، ސިފައިންގެ ލީޑާޝިޕުން އެންމެ ބޮޑު އެއް އިސްކަމެއް ދެނީ ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ކަމަށާއި އަދި މި މަސައްކަތުގެ ނަތީޖާ އެންމެ އެދެވޭ ގޮތުގައި ދަނީ ފެންނަމުން ކަމަށް މާރިއާ ވިދާޅުވިއެވެ.

ކޮވިޑް19- ޕެންޑެމިކް ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ވިޔަސް، ގަދަ ވިއްސާރައިގައި ހިނގާ ކަނޑުމަތީ ހާދިސާތަކުގައި ވިޔަސް، އަދި މި ނޫނަސް، އެހީގެ އަތަކަށް އެދި ރައްޔިތުން ގޮވާލި ކޮންމެ ފަހަރަކު، އެންމެ ކުރީ ސަފުގައި، ސިފައިން ހަރަކާތްތެރިވާ ކަން ނުހަނު އުފަލާއި ހިތްހަމަޖެހުމާ އެކީ ފާހަގަކުރާ ކަމަށ މާރިއާ ވިދާޅުވިއެވެ.