އިސްލާމީ މަރުކަޒަށް ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރު ކުރި އުމުރުން 40 އަހަރުގެ ހަސަން ޒިޔާދު ދޫކޮށްލާފައި ވަނިކޮށް އަނެއްކާ ވެސް މިސްކިތަކަށް ކުޑަކަމުދިޔަ މައްސަލައިގައި އެމީހާގެ ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށް ޖެންޑާ މިނިސްތްރިން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޖެންޑާ މިނިސްޓްރީން ބުނީ، މިސްކިތަށް ކުޑަކަމުދިޔަ ޒިޔާދުގެ މައްސަލައަށް އެ މިނިސްޓްރީން އެޓެންޑް ވެފައިވާ ކަމަށާއި މިހާރު އެމީހާއަށް އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށެވެ. އެ ގޮތުން އެ ފިރިހެން މީހާގެ އާއިލާ އާ ގުޅިގެން އޭނާ ހޮސްޕިޓަލަށް ދެއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ޖެންޑަ މިނިސްޓްރީން ބުނެއެވެ.
ޒިޔާދު ވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހު މަޣްރިބް ނަމާދު ވަގުތު އިސްލާމީ މަރުކަޒަށް އަރާ އެ މިސްކިތުގެ ތެރެއަށް ކުޑަކަމު ގޮސްފައެވެ. މީގެ އިތުރުން އޭނާ ވަނީ ހުކުރު މިސްކިތުގެ ތެރެޔަށާއި ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށް ވެސް ކުޑަކަމު ގޮސްފައެވެ.
މި މައްސަލައިގައި ޒިޔާދު ހައްޔަރު ކޮށްފައި ވީ ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ. ޒިޔާދު ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކާ އޮތް ކަމަށާއި މުޖުތަމައުގެ ފަރާތުން އޭނާއަށް ވެސް ނުރައްކާ ވެދާނެ ކަމަށް ބެލެވޭ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. ހަމައެއާއެކު، އޭނާގެ އާއިލާގެ ފަރާތުން އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށް ވެސް އޭރު ފުލުހުން ބުނެފައި ވެއެވެ. އަދި މިހާތަނަށް ބެލިބެލުމުން އެމީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ.
އިސްލާމީ މަރްކަޒު ތެރެއަށް ކުޑަކަމުދިޔަ މައްސަލައިގައި ޒިޔާދު ހައްޔަރުކޮށް، ދޫކޮށްލި ފަހުން އަނެއްކާ ވެސް އޭނާ ވަނީ މަޖީދިއްޔާ ސްކޫލް ކައިރީ ހުންނަ އިބްރާހިމް އިސްކަންދަރު މިސްކިތު ހަރިންމައިގެ ތެރެއަށް ކުޑަކަމު ގޮސްފައެވެ. އެ މިސްކިތުގެ ތެރެއަށް އޭނާ ކުޑަކަމު ދިއުމުން، އެތަނުގައި ތިބި އާންމުން ވަނީ އޭނާ ހުއްޓުވައި ނަސޭހަތް ދީފައެވެ.
މީގެ އިތުރުން ރޭގެ ވަގުތެއްގައި ޒިޔާދު ވަނީ މަޖީދި މަގުގައި ހުންނަ ކެފޭއަކަށް ވަދެ އެތަނުގައި ހުރި ތަކެއްޗަށް ވެސް ގެއްލުން ދީފައެވެ. މި މައްސަލައިގައި އާންމުން ވަނީ އޭނާ ހުއްޓުވައި ފުލުހުންނާ ހަވާލު ކޮށްފައެވެ.