އިންސާނީ ދަރިފަސްކޮޅުގެ ދެމި އޮތުމާއި ނެތި ދިއުމާ ގުޅިފައިވާ އެންމެ ހައްސާސީ އެއް މައްސަލައަކީ މޫސުމީ ބަދަލުތަކުގެ މައްސަލައެވެ. މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިރިއުޅުމުގެ ހުރިހާ ބަހާއަކަށްހެން އަސަރު ކުރަމުން ދާ އިރު، މި ދުވަސްވަނީ ބަވަނަވެފައި ވާ އަދުގެ ދުނިޔޭގައި، މިކަމާ ބެހޭ ގޮތުން އެންމެ ފުޅާ ދާއިރާއެއްގައި ބަހުސްތައް ކުރިއަށް އެންމެ ފޯރިގަދަ ދަނޑިވަޅުވެސްމެއެވެ.
މޫސުމީ ބަދަލުތަކާ ބެހޭ އދގެ ބައްދަލުވުން ނުވަތަ ކޮންފަރަންސް އޮފް ޕާޓީގެ 26 ވަނަ ދައުރު (ކޮޕް26)ގެ ބައްދަލުވުންތައް އިނގިރޭސިވިލާތުގެ ގްލާސްގޯގައި މިހާރު ކުރިއަށް ދާއިރު، ގައުމުގެ ލީޑަރުން މިހާރުވެސް ވަނީ އުއްމީދުން ފުރިގެންވާ ވައުދުފުޅުތަކެއް ވެވަޑައިގެންފައެވެ.
އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ފެށި ކޮޕް26ގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އެންމެ އިސް ލީޑަރުންގެ ތެރެއިން ގިނަ ލީޑަރުންތަކަކަށް ބުރާސްފަތި އަންގާރަ ދުވަހަކީ ބައްދަލުވުމުގެ އެންމެ ފަހު ދުވަހެވެ. ބައްދަލުވުމުގައި އެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި އެންމެ ފަހު ދުވަސް، ގިނަ ލީޑަރުންތަކެއް ނިންމަވާލެއްވީ ފޮނި ވައުދުފުޅުތަކަކާއެކުގައެވެ.
ކޮޕް26 އަށް ދެއްވި ވަދާއީ ތަގުރީރުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމުގައި މިހާތަނަށް ހޯދިފައި ވާ ކުރިއެރުންތައް ފާހަގަ ކުރައްވާ، އެކަމަށް ތައުރީފު ކުރައްވާފައެވެ. އަދި ޗައިނާއާއި ރަޝިއާގެ އެންމެ ލީޑަރުން، މިފަހަރުގެ ބައްދަލުވުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައި ނުގެންނެވި ކަން ފާހަގަ ކުރައްވާ، ބައިޑަން ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.
ބައްދަލުވުމުގެ ހޮސްޓް އަދި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ވާހަކަފުޅު ހުރީ އެދެވޭ ރޫހެއްގައެވެ. 120 ގައުމެއްގެ އެންމެ ލީޑަރުންނާއެކު ކުރިއަށް ގެންދިޔަ ކޮޕް26ގެ ބައްދަލުވުންތަކުގައި އެކެއް ނުވަތަ އެއަށްވުރެ ގިނަ އަމާޒުތަކެއް ކަނޑައެޅިގެން ދިޔަ ކަމީ ކާމިޔާބީއެއް ކަމަށް ޖންސަން ވަނީ ފާހަގަ ކުރައްވާފައެވެ.
ކަން މިހެން އޮތް އިރު، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ގައުމުތަކުން މިހާރަށްވުރެވެސް ބޮޑަށް މަސައްކަތް ކުރުމަށް ބާރު އަޅުއްވާފައެވެ.
އަންގާރަ ދުވަހު އިއުލާން ކުރެވުނު ބައެއް މުހިންމު އަމާޒުތަކަށް ބަލާއިރު ސާފު ހަކަތައިގެ އާމާޒުގެ ވާހަކަ ފާހަގަ ކުރަން ޖެހެއެވެ. އެމެރިކާ، އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދު އަދި ޗައިނާވެސް ހިމެނޭހެން 42 ގައުމަކުން ވަނީ، 2030 ވަނަ އަހަރު އަންނައިރު ގައުމުތަކުން އެންމެ ބިނާކުރަނިވި ގޮތެއްގައި ހަކަތަ ބޭނުން ކުރުމަށް އޮތް ދެކޮޅު ޖެހޭ ގޮތަކީ، ސާފު ހަކަތަ ބޭނުން ކުރުން ކަމަށް އެއްބަސްވެފައެވެ.
މީގެ އިތުރުން 80 އަށް ވުރެ ގިނަ ގައުމުން ވަނީ، މީތޭން ބޭރު ކުރާ މިންވަރު ކުޑަ ކުރުމަށް އެއްބަސްވެފައެވެ. އެގޮތުން 2020 ވަނަ އަހަރާ އަޅާ ބަލާއިރު، 2030 ވަނަ އަހަރު އަންނައިރު، އެ ގައުމުތަކުން މީތޭން ގޭސް ބޭރު ކުރާ މިންވަރު، އެންމެ މަދުވެގެން 30 ޕަސެންޓް ދަށް ކުރުމަށް ގައުމުތަކުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، މި ކަމަށް އެއްބާރުލުން ދިނުމަށް ޗައިނާ، ރަޝިއާ އަދި އިންޑިއާއިން ވަނީ އިންކާރު ކޮށްފައެވެ.
ޖަންގަލިތައް ކަނޑާ ހުސް ކުރުމަކީވެސް މޫސުމީ ނޭދެވޭ ބަދަލުތަކަށް މަގުފަހި ކުރާ އެންމެ ބޮޑު އެއް ސަބަބަށް ވާ އިރު، 122 ގައުމެއްގެ އެންމެ އިސް ލީޑަރުން ވަނީ ޖަންގަލިތަކުން ގަސް ކެނޑުން ހުއްޓުވާ، އެކަން ބަދަލު ކުރުމަށް އެއްބަސްވެވަޑައިގެންނެފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރިފައި ވާ ޖަންގަލިތަކުގެ 85 ޕަސެންޓް ހިއްސާ ކުރާ ގައުމުތަކުގެ ލީޑަރުން ވަނީ، 2030 ވަނަ އަހަރު، ޖަންގަލިތަކުން ގަސް ކެނޑުން ހުއްޓުވާ، ބިންގަނޑަށް ގެއްލުން ދިނުމުގެ އަމަލުތައް ހުއްޓާލުމަށް އެއްބާރުލުން ދެއްވާނެ ކަން ހާމަ ކުރައްވާފައެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުން ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމަށް މާލީ އެހީގެ ގޮތުގައި އިތުރު 1 ބިލިއަން ޕައުންޑް ދިނުމަށް ނިންމާފައެވެ. 40 މިލިއަން ޕައުންޑަކީ، ރާއްޖެ ފަދަ، ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކެޕޭސިޓީ ބިލްޑިންގް މަޝްރޫއުތަކަށް ހާއްސަ އެހީއެވެ.
ގައުމުތަކުގެ ލީޑަރުންގެ އެޖެންޑާ ނަމްބަރުތައް މުޅިންހެން ނިމިފައި ވާއިރު، 197 ގައުމަކުން މޫސުމީ ނޭދެވޭ ބަދަލުތައް ކުޑަ ކުރުމުގެ އަމާޒަށް އެއްބަސް ކުރުވާ، އެއް ގަލަކަށް އެރުވުމުގެ ޒިންމާ މިހާރު އެޅިފައި ވަނީ މަޝްވަރާ ޓީމުތަކުގެ ކޮނޑުގައެވެ. މިވަގުތު އެންމެ އިސް މަޝްވަރާތަކެއް ހިނގަމުން ދަނީ ގައުމުތަކުގެ މަލީ ވަޒީރުންނާއި ސިނާއީ އިސް ލީޑަރުންގެ މެދުގައެވެ.