މަޝްހޫރު ސޯޝަލް ނެޓްވޯކް، ފޭސްބުކްއަށް އަޕްލޯޑް ކުރާ ފޮޓޯ އަދި ވީޑީއޯތަކުގައި ހިމެނޭ މީހުން ދެނެގަތުމަށް މިހާތަނަށް ބޭނުން ކުރަމުން އައި ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާ ދެން ބޭނުން ނުކުރާނެ ކަން، އެ ކުންފުނިން ހާމަ ކޮށްފިއެވެ.

ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާއަކީ، އެ ސޮފްޓްވެއާގެ ރައްކާތެރި ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ ސޮފްޓްވެއާއެކެވެ. އެގޮތުން ފޭޝަލް ރިކޮގްނިޝަން ޓެކްނޮލިޖީ އަކީ ޒާތީ ސިއްރު ހިފެހެއްޓުމުގެ ހައްގަށް އުނިކަން ގެނުވާ ކަމެއް ކަމަށް އެއް ބަޔަކު ބުނާ އިރު، އެ ޓެކްނޮލޮޖީގައި ނަސްލީ ހަމަހަމަ ކަންވެސް ނޯންނަ ކަމަށް ބުނާ މީހުން އުޅެއެވެ.

އެމެރިކާގެ ސަރުކާރުން 2019 ވަނަ އަހަރު ހެދި ދިރާސާއެއް ބުނާ ގޮތުގައި، ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީއަކީ، އެފްރިކާ ދަރިކޮޅުގެ އެމެރިކާ މީހުން އެންމެ ފުރިހަމައަށް ދެނެގަތުމުގެ ގާބިލުކަން ލިބިފައި ނުވާ ޓެކްނޮލޮޖީއެކެވެ. އެގޮތުން، އެފްރިކާ-އެމެރިކާ ދަރިކޮޅުގެ މީހުން، ނުބައި މީސް މީހުންގެ ގޮތުގައި އެ ޓެކްނޮލޮޖީއިން ދެނެގަންނަ ކަންވެސް ވަނީ ހާމަވެފައެވެ.

މެޓާއަށް ނަން ރީބްރޭންޑް ކޮށްފައި ވާ ފޭސްބުކްގެ ބެލެނިވެރި ކުންފުނިން ބުނީ، ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާ ބޭނުން ކުރަން އެންމެ އިހުލާސްތެރި އުސުލޫތަކެއް، ރެގިއުލޭޓަރުންވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ.

ފޭސްބުކް ފަރުމާ ކޮށްފައި ވާ ގޮތުން، އެހެން މީހެއްގެ އެކައުންޓަށް އަޕްލޯޑް ކުރާ ފޮޓޯއެއްގައި ނުވަތަ ވީޑީއޯއެއްގައި އެމީހަކު ހިމެނޭނަމަ، އެ ކަން އެނގޭނެ ނޯޓިފިކޭޝަނެއް ލިބޭނެ އިންތިޒާމް އޮތީ ހަމަޖެހިފައެވެ.