މި ދަނޑިވަޅަކީ ތިމާވެށި ހިމާޔަތްކުރުމުގެ އިތުރު މަޝްވަރާތަކަށް ވަގުތުނަގާލެވެން އޮތް ދަނޑިވަޅެއް ނޫން ކަމަށް އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ، ސްކޮޓްލަންޑްގެ ގްލަސްގޯގައި ކުރިޔަށްދާ ކޮޕް26 ގެ ހަވާސާގައި ތަގުރީރު ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، މިއީ ތިމާވެށި ހިމާޔަތް ކުރުމުގެ އިތުރު މަޝްވަރާތަކަށް ވަގުތު ނަގާލެވެން އޮތް ދަނޑިވަޅެއް ނޫން ކަމަށާއި މިއީ އެންމެން އެއް ކަމަކަށް އެއްބަސްވެ އެކަން ކަމަށް އަމަލު ކުރަން ފަށަންވީ ވަގުތު ކަމަށެވެ.

ހަމަ އެއާއެކު ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ކަމަށް ލަފާ ކުރެވޭ ނާޒުކު ގިންތީގެ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމަށް އިތުރު އަހައްމިއްޔަތު ކަމެއް ދޭ ކަން ފާހަގަ ކުރައްވާފައެވެ.

މި އަހަރުގެ ކޮޕް ސަމިޓްގައި މިނިސްޓަރު ޝައުނާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ސަމިޓްގައި އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މިހާރު ކުރިއަށްދާ ކޮޕް ސަމިޓްގައި ތިމާވެށި ހައްލު ކުރުމަށް ތިން ކަމަކަށް ރާއްޖެއިން ވަކާލަތު ކުރުމަށް ވަނީ ނިންމާފައެވެ. އެއީ ތިމާވެށީގެ މައްސައްލަ ހައްލު ކުރުމަށް ބޮޑެތި ގައުމުތަކުން ކުރާ ހޭދަ އިތުރު ކުރުމަށާއި، ކުދި ގައުމުތަކަށް ލިބޭ ގެއްލުމުގައި ބަދަލު ހޯދުމާއި، ޓެކްނޮލޮޖީއާއި މާލީގޮތުން ކުރިއަރާފައި ގައުމުތަކުން ދުނިޔޭގެ ފިނި ހޫނު މިން 1.5 ޑިގްރީގައި ބެހެއްޓުމަށް ކުރަންޖެހޭ ކަންކަން އިތުރު ކުރުމަށް އެއްބަސް ކުރުވުމެވެ.

ކޮޕް26 ގެ ބައްދަލުވުމަކީ، ގައުމުތަކުން ބޭރު ކުރާ، ޖައްވު ހޫނުކުރާ ވިހަ ގޭހުގެ މިންވަރު ދަށް ކުރުމަށް، މީގެ 6 އަހަރު ކުރިން ފާރާންސްގައި، ޕެރިސް އެގްރީމަންޓްގެ ދަށުން ވި ވައުދުތައް މުރާޖާ ކުރާނެ ބައްދަލުވުމެކެވެ. ޕެރިސް އެގްރިމެންޓް ހެދިއިރު އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއާގެ ހައިސިއްޔަތުން އޭރު ވެސް ރާއްޖެ އިން އަޑުއުފުލީ 1.5 ޑިގްރީ ސެލްސިއަސް އަށް ދުނިޔޭގެ ފިނި ހޫނު މިން ބެހެއްޓުމަށެވެ.

ޖަޒީރާ ގައުމެއްގެ ގޮތަށް އުފެދިފައިވާ ރާއްޖޭގައި 1200 ރަށް އޮތް އިރު މިއީ 4 ލައްކަ މީހުންގެ އާބާދީއެއްް އޮތް ގައުމެކެވެ. ދުނިޔޭގެ އެންމެ ބޮޑު ފަރުގެ ނިޒާމް އޮތް ގައުމުތަކުގެ ތެރެއިން ރާއްޖެ 7 ވަނައިގައި އޮތް އިރު، ގިނަ މީހުންނަށް މިއީ ޑްރީމް ހޮލިޑޭ އަދި ހަނީމޫން ޑެސްޓިނޭޝަނެއް ގޮތުގައި ގަބޫލު ކުރެއެވެ. ނަމަވެސް ދިވެހިންނަށް ރާއްޖޭއަކީ އަމިއްލަ ވަޒަނެވެ.

ދުނިޔެއަށް ދިމާވެފައި ކްލައިމެޓް ކްރައިސިސް އަށް އަސަރުކުރާނެ ފަދަ ކަންކަން ރާއްޖެއިން ނުކުރި ނަމަވެސް ރާއްޖެއަކީ މޫސުމީ ކާރިސާއިން އެންމެ ނޭދެވޭ އަސަރު ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. މިހާރު ވެސް ރާއްޖެއިން އަންނަނީ މޫސުމީ ގިނަ ކާރިސާތަކާ ކުރިމަތި ލަމުންނެވެ.