މާލޭގައި ހިންގާ ޕްރީ ސްކޫލެއް ކަމުގައި ވާ ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީއަނިޔާ ކުރި ކަމަށް ތުހުމަތުވާ މީހާ ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގައި ކަމަށެވެ. ހައްޔަރު ކުރީ 63 އަހަރުގެ އަންހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ މެދު ތެރޭގައެވެ. ގަލޮޅު ސްކޫލުގައި އުމުރުން 4 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތި ވުމުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ. އަދި މި މައްސަލައިގައި ސްކޫލްގެ އިސްވެރިންނާއި މަސައްކަތު މީހުންނާއި ޓީޗަރުންގެ ބަޔާން ވެސް ވަނީ ނަގާފައެވެ.
އެގޮތުން އެ މައްސަލައިގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ ސްކޫލުގައި މަސައްކަތު މީހެއް ކަން އެނގިފައި އޮތަސް އޭރު އެއީ ކާކުކަން ދެނެގަނެވިފައެއް ނުވެއެވެ. އެހެންކަމުން މައްސަލަަ ބެލުމަށް ފަހު އެ ސްކޫލުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑް ކޮށް އެ ސްކޫލަގައި ވަނީ ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފައެވެ.
މި މައްސަލައިގައި ގިނަ ބެލެނިވެރިންތަކެއް ވެސް ވަނީ ކަނބޮޑުވުން ހިއްސާކޮށްފައެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާ ދެނެގަނެ އެމީހާ ހައްޔަރު ކުރުން ލަސްވުމުން ދިއުމުން ގިނަ ބަޔަކު ވަނީ މި ކަމާ ގުޅިގެން މުއައްސަސާތަކަށާއި އެ ސްކޫލަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.