ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (ސީއައިޓީއެމް) އަށް މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގުމަށް ދީފައިވާ ހުއްދަތައް ބާތިލު ކޮށްފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނީ، ސީއައިޓީއެމް އިން ކުރިޔަށް ގެންދާ އެމްކިޔުއޭ އިން ހުއްދަ ދީފައިވާ މަތީތައުލީމުގެ ޕްރޮގްރާމްތަކާ ގުޅިގެން ވަނީ މައްސަލަތަކެއް ފާހަގަ ކުރެވިފައި ކަމަށެވެ. އެގޮތުން ސީއައިޓީއެމް އިން ވަނީ އެމްކިޔުއޭ އިން ހުއްދަ ދީފައިވާ މަތީ ތައުލީމުގެ ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުތު ހަމަނުވާ ބައެއް ދަރިވަރުން ވައްދާފައި ކަމަށާއި ބެޗްތައް ނިންމުމަށް ފަހު ސަނަދު ދޫކުރުމުގެ ކުރިން އެ އޮތޯރިޓީއަށް ހުށަހަޅަން ޖެހޭ މައުލޫމާތުތަކާއި ލިޔުންތައް ބަރާބަރަށް ހުށަނާޅައި ސުޕަވިޝަން މަރުހަލާ ފުރިހަމަ ނުކޮށް ހުރި ކަމަށް ކޮލިފިކޭޝަން އޮތޯރިޓީން ބުނެއެވެ.
ހަމައެއާއެކު ސުޕަވިޝަން މަރުހަލާ ފުރިހަމަނުކޮށް ސަނަދު ދޫކުރުމުގެ ހުއްދަ މި އޮތޯރިޓީން ދިނުމުގެ ކުރިން ބައެއް ދަރިވަރުންނަށް ސަނަދު ދީފައިވާ ކަމަށާއި އެ އޮތޯރިޓީން ސަނަދު ދިނުމުގެ ހުއްދަ ދީފައިވާ ދަރިވަރުންނަށް ސަނަދު ދޫ ނުކުރުމާއި ސަނަދު ދިނުން ލަސްވުމުގެ މައްސަލަތައް ވެސް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. މީގެ އިތުރުން 2014 ވަނަ އަހަރުން ފެށިގެން އެ އޮތޯރިޓީއަށް ހުށަހަޅަން ޖެހޭ ބިފޯ ކޮމެންސިން ފޯމް ހުށަހަޅަމުން އައިސްފައި ނުވާ މައްސަލަ ވެސް ހިމެނެއެވެ.
އެގޮތުން މި މައްސަލަތައް އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑަށް ހުށަހެޅުމުން ސީއައިޓީއެމަށް މަތީ ތައުލީމުގެ ޕްރޮގްރާމް ތަކަށް ދީފައިވާ ހުއްދަތައް ބާތިލުކޮށް، އެ މަރުކަޒު ބްލެކްލިސްޓް ކުރުމަށް ވަނީ ނިންމާފައި ކަމަށް ކޮލިފިކޭޝަން އޮތޯރިޓީން ބުނެއެވެ. މި ގޮތަށް ނިންމާފައި ވީ ނަމަވެސް މިހާރު ސީއައިޓީއެމް އިން ހިންގަމުން ގެންދާ ބެޗްތައް ނިންމުމުގެ ފުރުސަތު ވަނީ ދީފައެވެ.
ހަމައެއާއެކު އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުން ވަނީ ދަރިވަރުންނަށް ސަނަދު ދޫކުރުމުގެ ކުރިން މިހާރު ހުށަހަޅަން ޖެހިފައިވާ ސުޕަވިޝަން އާ ގުޅުން ހުރި ލިޔުންތައް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަންގާފައެވެ. މިމުއްދަތުގެ ތެރޭގައި އެ މަރުކަޒުން އެ ލިޔުންތައް ހުށަނާޅައިފި ނަމަ، އެ މަރުކަޒު ގެ ރަޖިސްޓަރީ އާ މެދު އަޅާނެ ފިޔަވަޅެއް ނިންމުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންއަށް ހުށަހެޅޭނެ ކަމަށް ކޮލިފިކޭޝަން އޮތޯރިޓީން ބުނެއެވެ.
އަދި ކަންކަން ބެލުމަށް ފަހު ވަކި ގޮތެއް އަންގަން ދެން އިތުރު ބެޗެއް ނުފެށުމަށް ވެސް ސީއައިޓީއެމްއަށް ވަނީ އަންގާފައެވެ. އެގޮތުން ވަކި ގޮތެއް ނާންގަނީސް އިތުރު ބެޗެއް ފަށައިފި ނަމަ އެ ބެޗްތައް ބަލައި ނުގަނެވޭނެ ކަމަށާއި، ގަވާއިދާ ހިލާފަށް ހިންގާ އެފަދަ ބެޗުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސަނަދުތައް ވެސް ކޮލިފިކޭޝަން އޮތޯރިތީން ގަބޫލު ނުކުރާނެ ކަމަށް ވެސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެއެވެ.