މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަތުމަށް އިލްމީ ނަޒަރިއްޔާތުން ދިރާސާއެއް ހެދަމުންދާ އިރު، ދިރާސީ އާ އަހަރަށް މުދައްރިސުންގެ މައްސަލަތަކަށް ހައްލެއް ލިބިގެން ދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއަޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ، މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވައިލައްވާފައިވާ "ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ރީސާޗް ގުރޫޕު" ގެ މެންބަރުންނާ އެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

އެ މަނިކުފާނު ވިދާޅުވީ، ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ މި ސަރުކާރުން މުހިންމު އިސްކަމެއް ދޭ ކަމެއް ކަމަށާއި، ތައުލީމީ ދާއިރާއަށް، އަދި ވަކީން ހާއްސަކޮށް މުދައްރިސުންނަށް، ކުރިމަތިވެފައިވާ އެކިއެކި ދަތިތައް ދެނެގަތުމަށް އިލްމީ ނަޒަރިއްޔާތަކުން ދިރާސާއެއް ހެދުމަކީ މި ވަގުތަށް ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ރީސާޗް ގުރޫޕުން ހަދާ ދިރާސާ މެދުވެރިކޮށް އެ ދާއިރާއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާއި ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ ދިރާސީ އައު އަހަރަކާ ކުރިމަތިލާ އިރު، ތައިލީމީ ދާއިރާއާއި މުދައްރިސުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ރީސާޗް ގުރޫޕުގެ މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވާ، ރައިސް ސޯލިހާއޮ އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރެއްވިއެވެ.

ރީސާޗް ގުރޫޕުގެ ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  • ޑރ. އަހްމަދު އަލި މަނިކު (އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގގެ ދާއިރާ)
  • ޑރ. އަލީ ނަޖީބު (ހިޔުމަން ރިސޯސަސްގެ ދާއިރާ)
  • ޑރ. އާއިޝަތު ޝަފީނާ (ސޯޝިއޮލޮޖީގެ ދާއިރާ)
  • އާމިނަތު ޒުބައިރު (ޓްރެއިނިންގެ ދާއިރާ)
  • އަބްދުﷲ ޒަކަރިއްޔާ (ފައިނޭންސްގެ ދާއިރާ)
  • އަބްދުﷲ ރަޝީދު (ތައުލީމީ ދާއިރާ)

ރައޯސް އެކުލަވައިލައްވާފައިވާ ރީސާޗް ގުރޫޕުގެ ޗެއާއެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ޑރ އަހްމަދު އަލި މަނިކެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓާ އޮފް އެޑިޔުކޭޝަން ޑޮކްޓާ އާއިޝަތު އަލީ އާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުސްތަފާ ލުތުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް އެކުލަވައިލެއްވި މި ދިރާސާ ގުރޫޕަކީ އެކި ދާއިރާތައް ހިމެނޭގޮތުން ހަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ގުރޫޕެކެވެ. އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިން، ހިޔުމަން ރިސޯސަސް، ސޯޝިއޮލޮޖީ، ޓްރެއިނިން، ފައިނޭންސް އަދި ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން މި ރީސާޗް ގުރޫޕުގައި ހިމެނިވަޑައިގަންނަވައެވެ.

މި ގުރޫޕުގެ މައިގަނޑު މަސައްކަތަކީ މުދައްރިސުންނާ ގުޅޭގޮތުން ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ސާފުކޮށް ދެނެގަތުމާއި، ސަރުކާރު ސްކޫލްތަކުގައި މަސައްކަތް ކުރާ މުދައްރިސުން އެ ފަންނުގައި ދެމި ތިބުމާއި ކުރިއަށް ދިއުމަށް ކުރިމަތިވެފައިވާ ދަތިތައް އިމްލީ ދިރާސާއެއްގެ އަލީގައި ދެނެގަތުމާއި، ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކެއް ހޯދުމެވެ.