ނިމިގެން މިދާ 2021 ވަނަ އަހަރުގެ ބަހަކީ "ވެކްސް" ކަމަށް، އޮކްސްފޯޑް އިންގްލިޝް ޑިކްޝަނަރީ (އޯއީޑީ) އެކުލަވާލާ ތަޖުރިބާކާރުންގެ ޓީމުން ކަނޑައަޅައިފިއެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިނެއް ތަރައްގީކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމު އުސޫލުން ވެކްސިން ޖަހަން ފެށުމާއެކުގައި ހެން، ވެކްސިނާ ގުޅޭ އެކި ބަސްތައް ބޭނުން ކުރާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އޯއީޑީގެ ސީނިއާ އެޑިޓާ ފިއޯނާ މެކްފާސަން ވިދާޅުވީ "ވެކްސް"އަކީ ފުރިހަމަ އިހުތިޔާރެއް ކަމަށާ، އެހެނީ އެ ބަހަކީ އެންމެ ބޮޑު ތަފާތެއް ގެނުވި ބަސް ކަމުގައި ވުން ކަމަށެވެ.
"ވެކްސް" މި ބަހަކީ 1980ގެ އަހަރުތަކުގައި ބޭނުން ކުރި ބަހެއް ނަމަވެސް، މި އަހަރުގެ ނިޔަލަށް، މި ބަހަކީ، މަދުން ނޫނީ ބޭނުން ނުކުރާ ބަހެއް ކަމަށް މެކްފާސަން ވިދާޅުވިއެވެ.
ވާހަކަ ދެއްކުމާއި ލިޔެކިއުމުގެ ކަންކަމުގައި އާންމު ކޮށް ބޭނުން ކޮށް އުޅޭ ބަސްތަކަށް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ބަދަލުތަޖެއް އައިސްފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން، "ޕެންޑަމިކް" މި ލަފުޒު ބޭނުން ކުރި މިންވަރު، 2021 ވަނަ އަހަރުގެ މިހާ ހިސާބަށް އާދެވުނު އިރު، 57000 ޕަސެންޓް އިތުރު ވެފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.
ޑިކްޝަނަރީ އެކުލަވާލުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ކޮލިންސް އިން ވަނީ 2020 ވަނަ އަހަރުގެ ބަހަކީ "ލޮކްޑައުން" ކަމުގައި ކަނޑައަޅާފައެވެ. ނަމަވެސް އެ އަހަރު އޮކްސްފޯޑް އިން ވަނީ ތަފާތު ބަސްތަކަކަށް އެ ޝަރަފު ދީފައެވެ. އޮކްސްފޯޑް އިން ހޮވި ބަސްތަކުގެ ތެރޭގައި "ލޮކްޑައުން"ގެ އިތުރުން ދެން ހިމެނުނީ "ބްލެކް ލައިވްސް މެޓާ"، "ޑަބްލިއުއެފްއެޗް" ނުވަތަ ވޯކް ފްރޮމް ހޯމް، "ކީވޯކާޒް" އަދި "ފާލޯ"އެވެ.
2019 ވަނަ އަހަރު އޮކްސްފޯޑްއިން ހޮވި އަހަރުގެ ބަހަކީ "ކްލައިމެޓް އެމާޖެންސީ"އެވެ.