ކަނޑު ދަތުރު ކުރުމުގައި މޫސުން ގޯސް ވެ ރީނދޫ އެލާޓް ނުވަތަ އެއަށް ވުރެ މަތީ އެލާޓެއް ނެރެފައި ވަނިކޮށް ކަނޑު ދަތުރު ފަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން 9 މީޓަރަށް ވުރެ ކުދި އުޅަނދުތަކުގައި ފަސިންޖަރުން އުފުލުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ޓްރާސްޕޯޓް އޮތޯރިޓީން ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އެ ގޮތުން އެ ގަވާއިދުގެ 1-27 ގެ ފަހަތަށް ވަނީ 2-27 ނަންބަރުގައި އިސްލާހުތަކެއް އިތުރުުކޮށްފައެވެ. އެ އިސްލާހުގައި ބުނާ ގޮތުގައި މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަހައްދެއްގައި، 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެކެވެ.

މި ގަވާއިދާ ހިލާފު ވެއްޖެ ނަމަ، އެ އުޅަނދުގެ އޮޕަރޭޓަރ 15،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ. އަދި އުޅަނދު ދުއްވި ފަރާތުގެ މައްސަލަ ބެލުމަށްފަހު ލައިސަންސް ތިން މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ. ހަމައެއާއެކު މިފަދަކުށެއް ތަކުރާރުކޮށްފިނަމަ، އެ މައްސަލަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ އޮތޯރިޓީން ހުއްދަ ދޭ ފަރާތަކުން ބެލުމަށްފަހު، ކެޕްޓަންގެ ލައިސަންސް އެއް އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެއެވެ.

ނަމަވެސް، ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ އެމަޖެންސީ ދަތުރުތައް ކުރުމަށް މިމާއްދާ ހުރަހެއް ނާޅާ ކަމަށް ޓްރާންސްޕޯޓުން ނެރުނު ގަވާއިދުގައި ބުނެއެވެ. 9 މީޓަރަށްވުރެ ކުދި އުޅަނދު ފަހަރު އޮރެންޖް، ރެޑް ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ކަނޑު ދަތުރު ފަތުރު ކުރުމަށް ކަނޑު މައްޗަށް ނިކުތުން ވެސް ވަނީ މި ގަވާއިދުގެ ދަށުން މަނާކޮށްފައެވެ.

މި ގަވާއިދާ ހިލާފު ވެއްޖެ ނަމަ، އެ އުޅަނދުގެ އޮޕަރޭޓަރު 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަަމަށް އެ ގާވާއިދުގައި ބުނެއެވެ. އަދި އުޅަނދު ދުއްވި ފަރާތުގެ މައްސަލަ ބެލުމަށްފަހު ލައިސަންސް ތިން މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ. ހަމައެއާއެކު މިފަދަކުށެއް ތަކުރާރުކޮށްފިނަމަ، އެ މައްސަލަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ އޮތޯރިޓީން ހުއްދަ ދޭ ފަރާތަކުން ބެލުމަށްފަހު، ކެޕްޓަންގެ ލައިސަންސް އެއް އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެއެވެ.