ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެއެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

ދުވާފަރުގެ މަގުހެދުމުގެ މަޝްރޫއު އެމްޓީސީސީ އިން ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖޫން 12، 2019 ގައެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭގޮތަށް 6564 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމު ކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމު ކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއަކީ 43.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ދުވާފަރުގެ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތިން ދުވަހު ފަށާފައިވާއިރު އެ މަޝްރޫއުގެ ތެރެއިން ފައިމަގުގައި ހިނގާ ގޮތަށް 4,960 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމު ކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17.790 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އަދި ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.