މިދިޔަ ނޮވެމްބަރުގައި ރާއްޖޭގެ އިގްތިސޯދު ލަފާކުރި ވަރަށް ވުރެވެސް ދަށްވެފައިވާ ކަމަށް ބުނެ ސީސީސީ އަށް ރާއްޖޭގެ ރޭޓިން ދަށްކޮށްފައި އޮތުމަށްފަހު، ބީ ނެގަޓިވް އަށް ފިޗްގެ ރޭޓިން މަތިކޮށްފިއެވެ.

ރާއްޖޭގެ ރޭޓިން ބީ ނެގަޓިވް އަށް މަތިކުރުމަށް ފަހު ފިޗުން ބުނީ، ރާއްޖޭގެ އިގްތިސޯދީ ހާލަތު އަންނަނީ ހަލުވި ދުވެއްޔެއްގައި ރަނގަޅުވަމުން ކަމަށާއި، އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތްވެސް އުންމީދު ކުރި ވަރަށް ވުރެ ރަނގަޅުވެފައިވާ ކަމަށެވެ.

އެގޮތުން، ކޮވިޑް-19 ގެ ކުރީގެ ހާލަތާއި ބަލާއިރު، ފަތުރުވެރިން އައި އަދަދު 70 ޕަސެންޓަށް އިތުރުވެ، ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވެފައިވާ ކަމަށާއި، އަންނަ އަހަރު ފަތުރުވެރިން އަންނަ އަދަދު 80 ޕަސެންޓަށް އިތުރުވެ، 2023 ގައި އެ އަދަދު 100 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިޗުން ބުންޏެވެ.

މީގެ އިތުރުން، ރާއްޖޭގެ ޖީޑީޕީ މިއަހަރު 29.4 ޕަސެންޓު ކުރިއަރައި، އަންނަ އަހަރު އިތުރު 10 ޕަސެންޓު ކުރި އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުންޏެވެ.

ފިޗުން ރާއްޖެއަށް 2016 އިން ފެށިގެން ރޭޓިން ދޭން ފަށާފައިވާއިރު، ފިޗުގެ އިތުރުން، ދެން ރާއްޖެއާ ގުޅޭގޮތުން އާންމުކޮށް ލިބެން ހުންނަ މާލީ މައުލޫމާތު ހޯދައި، ރޭޓިން ދެނީ މޫޑީސް އިންނެވެ.