މި އަހަރުގެ ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެ ކުންފުނިން އިއްޔެ ނެރުނު ތިންވަނަ ކުއާޓާގެ ރިޕޯޓް ދައްކާ ގޮތުގައި، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 14 ޕަސެންޓްގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރީ، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރާ އަޅާބަލާ އިރު، 8 ޕަސެންޓް އިތުރު ވެފައި ވުމެވެ. ހަމައެއާއެކު އެ ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ، ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ އިތުރު ވެފައެވެ.

ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވެގެން ދިޔަ ވަރަކަށް އެސްޓީއޯ އިން ވިއްކަމުން ދިޔަ ތެލުގެ އަގު އެ ނިސްބަތުން އިތުރުކޮށްފައި ނުވާ ކަމަށް ބުނެއެވެ. ނަމަވެސް ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ އޭގަ ކުރީ ކުއާޓަރާ އަޅާބަލާ އިރު 6 ޕަސެންޓް ދަށް ވެފައެވެ. އެހެން ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރި ކުރިއެރުމާއެކު ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 375 މިލިއަން ރުފިޔާ ލިބިފައެވެ.

އެސްޓީއޯގެ ހިންގުމުގެ ހަރަދު، ޕްރޮވިޝަން ނުހިމަނާ، ތިންވަނަ ކުއާޓާގައި ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަަލާއިރު 5 ޕަސެންޓް ދަށް ވެފައެވެ. ފައިނޭންސް ކުރުމުގެ ހަރަދު ކުޑަ ކުރެވުމާއި ކުންފުނީގެ ސަބްސިޑަރީ ތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޯސްޓްގެ ގޮތުގައި ވަނީ 6 މިލިއަން ރުފިޔާ ލިބިިފައެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން، ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓާގައި ވަނީ 154 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލައި 15 ޕަސެންޓްގެ ކުރި އެރުމެކެވެ. ޓެކްސްއަށް ކެނޑުމަށް ފަހު މިކުއާޓާގެ ސާފު ފައިދާއަކީ 129 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 17 ޕަސެންޓްގެ ކުރި އެރުމެކެވެ.