ނަފްސާނީ ބަލިތަކަށް ދޭ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އެންޓިޑިޕްރެސަންޓްއެއް ކަމަށް ވާ ފްލުވޮކްޒަމީން ބޭނުން ކުރުމުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހޭ ހައި ރިސްކު ގިންތީގެ މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުމުގެ ފުރުސަތު 30 ޕަސެންޓް ކުޑަ ކޮށްދޭ ކަމަށް ދިރާސާއެއް ބުނެފިއެވެ.

ފްލުވޮކްޒަމީންއަކީ ނަފްސާނީ ބަލިތަކުގެ ތެރޭގައި ހިމެނޭ އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ (އޯސީޑީ)، ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ތަކުލީފުތައް ތަހައްމަލު ކުރަމުންދާ ޕޭޝަންޓުންނަށް ދޭ ބޭހެކެވެ.

ފްލުވޮކްޒަމީން ބޭނުން ކުރުމުން، ކޮވިޑްގެ ހައިރިސްކު މީހުން އެޑްމިޓް ކުރަން ޖެހޭ ނިސްބަތް ކުޑަވޭ / ފޮޓޯ: ސީބީއެސް ނިއުސް

ލޭންސެޓް ގްލޯބަލް ހެލްތު ޖާނަލްގައި ޝާއިއު ކޮށްފައި ވާ ދިރާސާގެ ތަހުލީލުތައް ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ޖެނުއަރީ 15 އިން އޯގަސްޓް 6 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދިރާސާގައި 739 ޕޭޝަންޓަކު ބައިވެރިވެފައިވެއެވެ. މި އެންމެނަކީވެސް ބްރެޒީލްގެ ކޮވިޑް ޕޭޝަންޓުންނެވެ. އިތުރު 733 މެންބަރުންގެ ގުރޫޕަކަށް ދިނީ ޕްލަސީބޯ ޑްރަގް ނުވަތަ އަސްލެއް ނެތް "ޑަމީ" ޑްރަގެކެވެ. ފްލުވޮކްޒަމީން ދިން ގުރޫޕުގެ ކަންކަން 28 ދުވަސް ވަންދެން މޮނިޓާ ކޮސްފައިވެއެވެ.

ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ފްލުވޮކްޒަމީން ދިން ގުރޫޕުގެ މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭކަށް ނުޖެހެއެވެ. ފްލުވޮކްޒަމީން ދިން ޕޭޝަންޓުން، ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު ފުރުސަތު 30 ޕަސެންޓް ދަށްވިއެވެ.

ޑޮކްޓަރުން ދީފައި ވާ ހުރިހާ ބޭހެއް ގަވައިދުން ބޭނުން ކުރާ ޕޭޝަންޓުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު ފުރުސަތު 65 ޕަސެންޓް ދަށްވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ބެދިފައި ވާ ތާ މިހާރު 2 އަހަރު ފުރުމާ ގާތް ވަމުން ދާ އިރު، މި ބައްޔަށް ހާއްސަ ފަރުވާއެއް ނުވަތަ ބޭހެއް އަދި ތަރައްގީ ކޮށްފައެއް ނުވެއެވެ.