ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް ނެޓްވޯކްގެ ގޮތުގައި ސިފަކުރަމުން އަންނަ ފޭސްބުކް ހިންގާ ކުންފުނީގެ ނަން، "މެޓާ"އަށް ބަދަލުކޮށް، އެކަން އިއުލާން ކޮށްފިއެވެ.

ފޭސްބުކް ކުންފުނިން، އެ ކުންފުނީގެ ނަން ރީބްރޭންޑް ކޮށްފައި މި ވަނީ، ހަމައެކަނި ސޯޝަލް މީޑިއާގެ ހިދުމަތްތަކުން ބޭރަށް ކުންފުނީގެ ހިދުމަތްތައް ފުޅާ ކުރަމުން ދާ ދިއުމާ އެކުގައެވެ. ފޭސްބުކް ކުންފުނިން އިތުރަށް ފުޅާ ކުރަމުންދާ ދާއިރާތަކުގެ ތެރޭގައި ވާޗުއަލް ރިއާލިޓީ (ވީއާރް) ޓެކްނޮލޮޖީގެ ދާއިރާ ފާހަގަކޮށްލެވެއެވެ.

ފޭސްބުކް ކުންފުނީގެ ނަން، "މެޓާ"އަށް ރީބްރޭންޑް ކުރިކަން އިއުލާން ކުރީ، އެކުންފުނީގެ ބާނީ މާކް ޒަކަބާގްއެވެ. މިކަން އިއުލާން ކުރަމުން ޒަކަބާގް ވަނީ، މި ބަދަލާއެކު، ވާޗުއަލް މާހައުލެއްގައި ގޭމް ކުޅެ، މަސައްކަތްކޮށް، އެކަކު އަނެކަކާ މުއާމަލާތު ކުރެވިގެންދާ "އޮންލައިން ދުނިޔެއެއް" ބިނާ ކުރުމަށް ރާވާފައި ވާ ކަން ހާމަ ކޮށްފައެވެ.

މިހާތަނަށް ބޭނުން ކުރަމުން ދިޔަ ނަމަކީ ކުންފުނިން މިހާރު ދޭ ހިދުމަތްތައްވެސް އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ ނަމެއް ނޫން ކަމަށާ، އަދި ކުރިއަށް އޮތް ތަނުގައި އެކުންފުނިން ތައާރަފު ކުރާ ހިދުމަތްތަކަށްވެސް އެންމެ އެކަށޭނަ ނަމެއް ނޫން ކަން ޒަކަބާގް ވަނީ ފާހަގަ ކޮށްފައެވެ.

ނަން ބަދަލު ކުރުމުގެ އިތުރުން، ރީބްރޭންޑް ކުރުމުގެ ތެރެއިން ފޭސްބުކް ކުންފުނިން ވަނީ އެ ކުންފުނީގެ ރަސްމީ ލޯގޯވެސް ބަދަލު ކޮށްފައެވެ. މީގެ ކުރިން ބޭނުން ކުރަމުން ދިޔަ ލޯގޯގެ ބަދަލުގައި، އަލަށް ތައާރަފު ކޮށްފައި ވަނީ "އިންފިނިޓީ" ރަމްޒު ކޮށްދޭ ފަދަ ލޯގޯއެކެވެ. ނަމަވެސް ފޭސްބުކް ކުންފުނީގެ ކުލަތަކަކީ އަދިވެސް ނުލާއި ހުދު ކުލައެވެ.

"މެޓާ"އަށް ރީބްރޭންޑް ކޮށްފައި ވާ ފޭސްބުކް ކުންފުނީގެ ބާނީ މާކް ޒަކަބާގް / ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

"މެޓާ" މި ނަން ނަގާފައި ވަނީ ގުރީކު ބަހަކުންނެވެ. "،މެޓާވާސް"ގެ ވާޗުއަލް ރިއާލިޓީ ދުނިޔެއެއް ބިނާ ކުރުމަށް ޒަކަބާގް އަމާޒު ހިފާފައި ވާ އިރު، މިއީ އިންޓަނެޓްގެ މުސްތަގުބަލު ކަމަށް އިއްތިފާގުވާ މީހުން އުޅެއެވެ. އެގޮތުން އާއިލީ ގުޅުންތަކުން ފެށިގެން މަސައްކަތުގެ މާހައުލަކީވެސް ވާޗުއަލް ޕްލެޓްފޯމެއްގައި ހިނގާ ގުޅުންތަކަކަށް ވެގެންދާނެ ކަމަށް، ޓެކްނޮލޮޖީގެ ފޮނި ހުވަފެން ދެކޭ ފަރާތްތަކުން ސިފަ ކުރެއެވެ.

ފޭސްބުކް ކުންފުނީގެ ނަން "މެޓާ"އަށް ރީބްރޭންޑް ކުރި ކަމުގައި ވީ ނަމަވެސް، އިޖުތިމާއި ވިއުގަ – ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ފަދަ ވަކިވަކި ޕްލެޓްފޯމްތަކުގެ ނަންނަތަކަށް ބަދަލު ގެނެސްފައެއް ނުވެއެވެ.