ސަޕްލައި ދަށްވެ އަގުތައް އުފުލެމުން ދާ މި ދަނޑިވަޅުވައި، ޗައިނާގެ ޕެޓްރޯލް ސްޓޭޝަންތަކުން ޑީސަލް ވިއްކާ މިންވަރު ކޮންޓްރޯލް ކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ޓްރަކް ދުއްވާ ފަރާތްތަކުން އުޅަނދު ރީފިއުލް ކުރުމަށްޓަކާ އެތައް ދުވަހެއް ވަންދެން މިހާރު ވަނީ މަޑު ކުރަން ޖެހިފައެވެ.

މި ދަނޑިވަޅަކީ، ހަކަތައިގެ ދަތިކަން، އޭގެ އެންމެ އިންތިހާއަށް، ޗައިނާއަށް ކުރަމުން އަންނަ ދަނޑިވަޅެކެވެ. ބޯޓު ދެއްޔާއި ގުދުރަތީ ގޭހުގެ ސަޕްލައިގެ ދަތިކަން ކުރިމަތި ވުމުގެ ސަބަބުން ކާރުހާނާތައް ބަންދު ކޮށްފައި ވާއިރު، އާންމު ގެތަކުންވެސް ކަރަންޓުގެ ހިދުމަތް ކެނޑިފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

އަދި ޑީސަލް ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ފެށުމަކީ، ދުނިޔޭގެ ސަޕްލައިއަށް އެކަމުގެ އަސަރު ފޯރާނެ ކަމެއް ކަމަށް މުރާސިލުން ދަނީ ބުނަމުންނެވެ.

އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓްގެ ޗައިނާ ޑައިރެކްޓާ މެޓީ ބެކިންކް ވިދާޅުވީ، ޗައިނާއަށް މިހާރު ޑީސަލް ސަޕްލައިގެ މައްސަލަ ކުރިމަތި ވެފައި ވާއިރު، ދިގުތަރުތަކުގެ ވިޔަފާރިއަށް އެކަމުގެ އަސަރު ދަނީ ކުރަމުންނެވެ. އަދި މިކަމުގެ އަސަރު، ޗައިނާއިން ބޭރު ކުރާ މުދާ ވިއްކާ ބާޒާރުތަކާ ހިސާބަށް ފޯރުން އެކަށީގެން ވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑީސަލް ސަޕްލައިގެ ދަތިކަން ދިގުލައިގެންދާ މުއްދަތާ، އެ ދަތިކަން ކުރިމަތިވާ ނިސްބަތަކުން، ދުނިޔޭގެ ސަޕްލައި ޗޭނަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް ބެކިންކް ވިދާޅުވިއެވެ.

ޗައިނާގެ ހެއިބެއި ޕްރޮވިންސުން ވާހަކަ ދެއްކި ޓްރަކް ދުއްވާ މީހަކު ބުނީ، ދުވާލެއްގެ މައްޗަށް މިހާރު ލިބެނެނީ 100 ލީޓަރުގެ ޑީސަލް ކަމަށެވެ. އެއީ ޓްރަކްގެ ކެޕޭސިޓީގެ އެންމެ 10 ޕަސެންޓް ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އެހެން ސަރަހައްދަކުން ވާހަކަ ދެއްކި ޑްރައިވަރަކު ބުނީ، އެ ސަރަހައްދުން އެންމެ ގިނަ ވެގެންވެސް ދުވާލެއްގެ މައްޗަށް ލިބެނީ އެންމެ 25 ލީޓަރު ކަމަށެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ސަޕްލައި ޗޭނު، މައިގަނޑު ގޮތެއްގައި ހީނަރުވެފައި ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުންނެވެ. ވަކިން ހާއްސަކޮށް، ބަލިމަޑުކަމާ ގުޅިގެން މަޑުޖައްސާލި ބައެއް ސިނާއަތްތައް އަލުން ހިންގައި ގަންނަން ފެށުމުން، ކުށްލި ގޮތަކަށް ޑިމާންޑް އިތުރު ވުމުގެ ސަބަބުންނެވެ.