ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްގެ 7،000 ޔުނިޓުގެ 16 ޓަވަރު ހެދުމަށް ޗައިނާގެ ކުންފުންޏަކަށް ކުރީ ސަރުކާރުން ބިޑް އެވޯޑު ކުރުމުގައި ހުރި މައްސަލަތަކެއް ބަލަމުންދާ ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ބުނީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ކުންފުންޏަށް ބިޑް އެވޯޑް ކުރި މައްސަލަ އެ ކޮމިޝަނުން ބަލަމުން ދަނީ އަމިއްލަ އިސްނެގުމެއްގެ މަތިން ކަމަށެވެ.

ޗައިނާ ސްޓޭޓްގެ އިތުރުން، ހިޔާ ފްލެޓް ހެދުމަށް 2017 ވަނަ އިތުރު ހަތަރު ކުންފުންޏެއް ވަނީ ބިޑު ހުށަހަޅާފައެވެ. އޭގެ ތެރެއިން ޗައިނާ ސްޓޭޓުން ހުށަހެޅީ އެންމެ މަތީ އަގެވެ. އެގޮތުން އެ ކުންފުނިން ކޮންމެ ޔުނިޓަކަށް 62،000 އެމެރިކާ ޑޮލަރު (956،000ރ.) ހުށަހަޅާފައިވާއިރު، ދެވަނައަށް ދިޔަ ބިޑުގެ އަގު އެކުންފުނިން ހުށަހެޅި އަގަށްވުރެ 10،000 އެމެރިކާ ޑޮލަރު (154،200ރ.) ދަށެވެ.

މި މައްސަލަ އޭސީސީން ބަލަން ފަށާފައިވަނީ ހައުސިން ޔުނިޓުތައް ރައްޔިތުންނަށް ވިއްކަން ކަނޑައަޅާފައިވާ އަގުތަކާ ގުލޭގޮތުން އޮޑިޓް ރިޕޯޓެއް މިދިޔަ ހަފްތާގައި ނެރެފައި ވަނިކޮށެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ކުރީ ސަރުކާރުން 2018 ވަނަ އަހަރު ފްލެޓަކަށް ދައްކަން ޖެހޭ އަގުގެ ގޮތުގައި 6،600ރ. ކަނޑައަޅާފައިވާއިރު، އެ އަގަށް ފްލެޓް ދޫކޮށްފި ނަމަ، ޔުނިޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެއެވެ. އޭރުން ދައުލަތަށް އަށް ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް، އެ ރިޕޯޓުގައިވެއެވެ.