ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންގެ ތެރެއިން ދިވެހިންނާއި ބިދޭސީ ނަރުހުންގެ މެދުގައި ތަފާތު ކުރުން އަދިވެސް އޮތް ކަމަށާއި އެގޮތުން ދޭ މުސާރައިގެ ތަފާތަކި އަދިވެސް އޮތް މައްސަލައެއް ކަމަށް ކޮމިއުނިޓީ ނާސިންގެ ޗެއާމަން ކުރީގެ ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލް ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯގެ އެހީގައި ކޮމިއުނިޓީ ނާސިން ވޮލެންޓިއާސް (ސީއެންވީ) އިން ކުރިއަށް ގެންދިޔަ ދެ ދުވަހުގެ މަޝްވަރާ ބައްދަލުވުމަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. އައިމިނަތު ޖަމީލް ވިދާޅުވީ، ނަރުހުންނަކީ ކޮންމެ ވަގުތަކު ވެސް މަސައްކަތަށް ނުކުންނަން ޖެހޭ ބަޔެއް ކަމަށާއި ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނާ އެއް މިންގަނޑަކުން ނަރުހުންނާ މެދު ކަންތައް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ދެ ދުވަހަށް ކުރިއަށް ގެންިދޔަ މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ހަ ސަރަހައްދެއްގައި މަސައްކަތް ކުރާ ނަރުހުންނާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް އަދި ކަމާބެހޭ އިދާރާތަކުން ޖުމްލަ 53 މީހުން ވަނީ ބައިވެރިވެފައެވެ. އެ ބައްދަލުވު،މުގައި ނަރުހުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން ވާހަކަ ދައްކަވަމުން ޑރ. އައިމިނަތު ޖަމީލް ވިދާޅުވީ، ސިޔާސަތުތައް އެކުލަވައިލާ އިރު ނަރުހުންގެ ބައިވެރިވުން ދަށް ކަމަށާއި ތަމްރީނާއި ހިދުމަތްތައް ދިނުމުގެ އޮނިގަނޑު ރާވާއިރު ވެސް ނަރުހުންގެ ހިއްސާ ކުޑަކަމަށް ފާހަގަ ވެފަިއވާ ކަމަށެވެ. އަދި އެގޮތަށް ކަނތައް ދިމާވާ ސަަބެއްގެ ގޮތުގައި ޑރ. އައިމިނަތު ޖަމީލް ވިދާޅުވީ، ސިއްހީ ހިދުމަތް ދިނުމުގައި ބަލި މީހުންނާ އެންމެ ގާތުން މަސައްކަތް ކުރާ ބަޔަކީ ނަރުހުންނަށް ވާއިރު، އެ މީހުންނަށް ދޭންޖެހޭ ސަމާލުކަން ނުދޭ ކަމަށެވެ.

ބަލިމަޑުކަމުގައި ގައުމަށްޓަކައި ހިދުމަތް ކޮށްދެމުންދާ ދިވެހި ދެ ނަރުހުން

މުސާރައާއި އިނާޔަތް ދިނުމުގައި ވެސް ދިވެހި ނަރުހުންނާއި ބިދޭސީ ނަރުހުން ތަފާތު ކުރާ ކަމަށާއި އަދި ނަރުހުންނަށް ލިބޭ ބައެއް ހައްގުތައް ވެސް ނުލިބޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ނަރުހުންނަކީ ސިއްހީ ހާލަތެއްގައި ބޮޑު ކަމެއް ޖެހިއްޖެ ނަމަ ކުރީ ސަފަށް ނުކުންނަން ޖެހޭ ބައެއް ކަމަށާއި އަދި ބަލި މީހުންނާ އެންމެ ގާތުން މަސައްކަތް ކުރަންޖެހޭ ބަޔަކީ ވެސް ނަރުހުންނަށް ވާއިރު ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނަށް އަމަލު ކުރާ އުސޫލުތައް ނަރުހުންނަށް ހަމަޖެއްސުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ނަރުހުންނަށް ދޭ މުސާރައާއި އިންޔާތްތައް ކުޑަ ކަމުގެ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ނަރުހުންގެ ގޮތުގައި ގިނަ ދިވެހިން ނުނިކުންނަ އެއް މައްސަލައަކީ މަތީ ތައުލީމް ހާސިލް ކޮށްގެން އައިސް އެ މަސައްކަތަށް ނުކުންނަ އިރު ދޭ މުސާރާ ކުޑަ ވުން ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ކޮވިޑްގެ މި ހާލަތުގައި އިސް ސަފުގައި މަސައްކަތް ކުރި ނަރުހުންނަށް އެތައް ބައެއް ވަނީ ތައުރީފްކޮށް ހިއްވަރު ދީފައެވެ. އަދި ނަރުހުން ގޮތުގައި ސިއްހީ ފަރުވާ ދިނުމަށް ހަރާކާތްތެރިވި މީހުން ކުރި މިންނަތް މަސައްކަތް މުޅި ގައުމު ވަނީ ބަލައިގެންފައެވެ. އާއިލާ އާ ދުރުގައި ގިނަ ވަގުތު ވަރުބަލި ކަމެއް ނެތި މަސައްކަތުގައި ބަލި މީހުންނަށް ފަރުވާ ދިނުމުގައި ނަރުހުންގެ ދައުރު ފެނިގެން ދިޔައެވެ. ކޮވިޑްގެ ހާލަތަށްފަހު ނަރުހުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރި މިފަދަ މީހުންނަކީ ބަތަލުންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.