ރާއްޖެއަށް އިތުރު އިންވެސްޓްމަންޓް ގެނައުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފަހި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންވެސްޓަރުންނަށް ޝައުގުވެރި މަންޒިލަކަށް ރާއްޖެ ހެދުމުގެ މަގްސަދުގައި އިކޮނޮމިކް މިނިސްޓްރީއިން އިންތިޒާމު ކޮށްގެން މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ވަނީ ދުބާއީ އެގްޒެބިޝަން ސެންޓަރުގައި ބާއްވާފައެވެ.

މި ފޯރަމް ޝަރަފްވެރި ކޮށްދެއްވާފައިވަނީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މި ފޯރަމްގައި ރައީސްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ބައިވެރިވެފައެވެ. އަދި މި ފޯރަމްގައި ޔޫއޭއީ އާއި ދިވެހރާއްޖެއާއ އެހެނިހެން ގައުމުތަކުގެ ވިޔަފާރި ކުންފުނިތަކާއި ވޔަފާރި ޖަމުއްޔާތަކުން ބައިވެރިވިއެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ތަރައްގީގައި ފާހަގަކޮށްލެވޭ ދާއިރާތަކަށް ބައްލަވާލައްވާ ރާއްޖެއަށް އިތުރު އިންވެސްޓްމަންޓް ގެނައުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓް ޒީރޯ އެމިޝަންސް ހާސިލް ކުރެވިފައވާ ގައުމަކަށްވުމަށް ކަނޑައަޅާފައިވާ އަމާޒަށް ވެސް ރައީސް ވަނީ ވާހަކަދައްކަވާފައެވެ.

މި ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ރާއްޖޭގެ އިގްތިސޯދީ ތަރައްގީގައި ބޭރުގެ އިންވެސްޓްމެންޓްތަކުގެ ދައުރުގެ މުހިއްމުކަމާއި ރައްޖޭގައި އިންވެސްޓްކުރެވެން ހުރ ފުރުޞަތުތައް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްގީ މިހާރު ހުރި މަގަށް ބައްލަވާލައްވާ އެ ސިނާއަތް ކުރިއެރުވުމަށް ރާއްޖޭގެ ގުދުރަތީ ރީތކަމާއި ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ.