ސޫދާންގެ އަސްކަރިއްޔާއިން މިދިޔަ ހޯމަ ދުވަހު އެ ގައުމުގެ ވެރިކަން ނެގީ، ދާހިލީ ހަނގުރާމައަކުން ގައުމު ސަލާމަތް ކުރުމަށް ކަމަށް، ސޫދާންގެ ބަގާވާތު ލީޑަރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ޖެނެރަލް ޢަބްދުލްފައްތާޙް އަލް-ބުރުހާން ވިދާޅުވެއްޖެއެވެ.

ސޫދާންގައި މީގެ 2 އަހަރެއްހާ ދުވަސް ކުރިން އެކުލަވާލި ވަގުތީ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ އަސްކަރީ އަދި މަދަނީ ވެރިން ކޯޅިވަޑައިގެން، އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިން، އެގައުމުގެ އަސްކަރީ ވެރިން، ގައުމުގެ ކޮންޓްރޯލް ނެގީ މިދިޔަ ހޯމަ ދުވަހުއެވެ.

އަލް-ބުރުހާން ވިދާޅުވީ، ބޮޑުވަޒީރު ކަމުގެ މަގާމުން ދުރުކުރެވިފައި ވާ ޢަބްދުﷲ ހަމްދޫކު ބެހެއްޓެވީ އަސްކަރީ ޖެނެރަލްގެ ގެކޮޅުގައި ކަމަށާ، އެކަން އެގޮތަށް ކުރަން ޖެހުނީ، ހުދު ހަމްދޫކު ސަލާމަތަށްޓަކާ ކަމަށެވެ. ނަމަވެސް، މިހާރު ހަމްދޫކު ވަނީ އޭނާގެ އަމިއްލަ ގެކޮޅަށް ބަދަލު ކުރެވިފައި ކަމަށްވެސް އަލް-ބުރުހާން ވަނީ ހާމަ ކުރައްވާފައެވެ.

ސުދާންގެ އާންމު މަސްރަހަށް ބަލާއިރު، ވެރިރަށް ހާރުތޫމްގައި އަދިވެސް މުޒާހަރާތައް ދަނީ ކުރިއަށެވެ. މަގުތަކާ، ބުރިޖުތަކުގެ އިތުރުން ފިހާރަތައްވެސް ނުހުޅުވާ ކަމަށް ހަބަރު ލިބެއެވެ. މީގެ އިތުރުން ފޯނާއި އިންޓަނެޓްގެ ހިދުމަތަށްވެސް ބުރޫ އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސޫދާންގައި މި ފަހުން ފެށުނު ހަމަނުޖެހުންތަކުގައި މިހާތަނަށް 10 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަލް-ބުރުހާން ވިދާޅުވީ، ހުސްވި ހަފުތާގައި ސޫދާންގެ މަސްރަހުން ފެނުނު ކަންކަމަށް ބަލާއިރު، އެކަން ކަމަކީ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ގައުމު ވައްޓާލާ ވަރުގެ ކަންތައްތަކެއް ކަމަށެވެ.

އެފަދަ ދާހިލީ ހަނގުރާމައަކުން ގައުމު ސަލާމަތް ކުރުމަށް ކަމަށް ބުނެ ސޫދާންގެ އަސްކަރިއްޔާއިންގެ ގައުމުގެ ކޮންޓްރޯލް ނަގާފައި ވާ އިރު، ބައިނަލްއަގުވާމީ ފެންވަރުގައި މި ބަގާވާތް ކުށްވެރިކޮށްފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

އެމެރިކާ، އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދު، އދ އަދި އެފްރިކަން ޔޫނިއަންއިން ވަނީ ސޫދާންގެ އަސްކަރިއްޔާއިން ހައްޔަރު ކޮށްފައި ވާ ސިޔާސީ ޝަހްސުން މިނިވަން ކުރުމަށް ގޮވާލާފައެވެ. މިދިޔަ ހޯމަ ދުވަހުން ފަށައިގެން ސޫދާންގެ އަސްކަރިއްޔާއިން ދަނީ، ގޭގެއަށް ވަކިވަކިން ވަދެ، ސިޔާސީ އެކި ފަންތީގެ ޝަހްސުން ހައްޔަރު ކުރަމުންނެވެ.

އެމެރިކާއިން ވަނީ އެހީގެ ގޮތުގައި ސޫދާންއަށް ލިބެން އޮތް 700 މިލިއަން ޑޮލަރުގެ ފަންޑެއް ހުއްޓުވާފައެވެ. އަދި ވިލާތުގެ އިއްތިހާދުންވެސް ވަނީ އެފަދަ ފިޔަވަޅެއް އަޅާނެ ކަމަށް އިންޒާރު ކޮށްފައެވެ.