ރޭޕްކުރިކަމުގެ ކުށް ސާބިތުވެ ފިރިހެނަކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ރޭޕްގެ ކުށް ސާބިތުވެ، 15 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ ގދ. ތިނަދޫ / ނިއުލައިފް، ޝެހެޒާދު އަބްދުލް އަޒީޒުގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ދައުލަތުން ޝެހެޒާދުގެ މައްޗަށް އުފުލި ރޭޕްކުރުމުގެ ކުށުގެ ދައުވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށާ އެހެންކަމުން ޝެހެޒާދު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.

2016 ވަނަ އަހަރު ހިނގި އެހާދިސާގައި، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ އޯގަސްޓް 15، 2017 ވަނަ ދުވަހުއެވެ.

ޝެހެޒާދު ތަހުގީގު މަރުހަލާގައި ބަންދުގައި 50 ދުވަސް ހޭދަހުރުމުން އެ މުއްދަތު ކެނޑުމަށް ފަހު ދެން ތަންފީޒު ކުރަން ޖެހޭނީ 14 އަހަރާއި 10 މަހާއި 10 ދުވަސް ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެއެވެ.

ޝެހެޒާދަށް ވަނީ ރޭޕުކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް ކޮށްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ.