ނ. މަނަދޫގައި އައު ނެރެއް ފުންކުރުމާއި، އެ ނެރު ވަށާ ބޭރުތޮށި ލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އާދީއްތަ ދުވަހު ފަށާފައިވާ ކަމަށް، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީ އާ މި މަޝްރޫއު 29.1 މިލިއަން ރުފިޔާއަށް ހަވާލުކުރީ ޕްލޭނިން މިނިސްޓްރީންނެވެ. މިއީ ބިލްޑް އެންޑް ޑިޒައިން އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، ކޮންކްރީޓް ބްރިޖެއް އެޅުމާއި، ރޭމްޕެއް ހެދުމާއި، ނެރުބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެ ކަމަށް، އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ވަނީ ކ. މާފުށްޓާއި އެ އަތޮޅުގެ ގުރައިދޫގައި އެ ކުންފުނިން ކުރަމުންދިޔަ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ މަހުގައި ނިންމާލާފައެވެ.