ޓެރަރިޒަމް ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އެކަން ހާސިލް ކުރެވޭނީ މަޖިލީހާއި އެހެން ސިޔާސީ ޕާޓީތަކާއެކުގައި މަސައްކަތް ކޮށް ހިޔާލު ތަފާތު ވުމަށް ހައްލެއް ހޯދައިގެން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ކުރާ ގޭގައި އިންނަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 'ދަ ހިންދޫ' ނޫހަށް ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވީ، ދީނީ ގޮތުން ހައްދުފަހަނައަޅާފައި ވާ ހަރުކަށި ފިކުރުގެ މައްސަލަތަކަކީ ބަލައިގަނެވޭނެ މައްސަލަތައް ނޫން ކަމަށާއި އެކަންކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެ ގޮތުން މި މަސައްކަތުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މެއި 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ފަހު ރާއްޖެއަށް ނަޝީދު ވަޑައިގަތީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ނަޝީދު ވިދާޅުވީ، މަޝްވަރާކޮށް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެފަދައިން އެކަން ނުކުރެވި ހައްލު ނުހޯދިއްޖެ ނަމަ ދެން ވެދާނެ ގޮތްވެސް އެންމެންނަށް އެނގޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އެނބުރި މިއައީ. އެހެންވީމާ، މިހާރު އަޅުގަނޑަށް މި ފަސްގަނޑުގައި ތިބި ރައްޔިތުންނާ މަޝްވަރާކޮށް، ވާހަކަ ދައްކައި އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އެންމެންނަށް ވެސް އިނގޭ ހެން، އަޅުގަނޑުމެން މި ތިބީ ކޮންތާކު ކަން. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އެންމެންނަށް ވެސް ވަރަށް ސާފުކޮށް އެނގެންވާނެ ހެން، ރަހްމަތްތެރި ހައްލުތަކެއް އަޅުގަނޑުމެންނަށް ނުހޯދޭ ކަމަށްވަންޏާ، ދެން ވާނެގޮތް."
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މި މަސައްކަތުގައި ނަތީޖާއެއް ނެރުމަށް މަޖިލީހުގެ ތެރެއިން އަދި ސިޔާސީ ޕާޓީތަކާ ގުޅިގެން ސަރުކާރަށް މަސައްކަތް ކުރެވިދާނެ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި މި ކަމުގައި އެންމެ ފުރަތަމަ އިސްކަން ދޭންވީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެންމެންގެ މެދުގައި އޮތް ހިޔާލު ތަފާތުވުންތައް ހައްލުކޮށް، ކުރިއަށް ދިޔުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޓެރަރިޒަމްގެ އަމަލުތަކާއި ޓެރަރިޒަމަށް ހިތްވަރުދޭ ކަންކަމަކީ ވެސް ގާނޫނު އަސާސީއާ ހިލާފް ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރާ މަސައްކަތުގައި ކާމީޔާބީއާ ހަމައަށް ދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް ދަމަހައްޓައި ރައްޔިތުންނަށް ތަނަވަސް ދިރުއުޅުމެއް ހޯދައިދެވޭނެ ގޮތަކަށް ނަތީޖާ ނެރެން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މެއި 6 ގައި ދިން ހަމަލާއާ ގުޅިގެން ނަޝީދު ވަނީ އެ އިންޓވިއުގައި ވެސް ވާހަކަ ދައްކަވާފައެވެ. އެ މައްސަލައިގައި ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި އަދި އެ ހާދިސާގައި ހަމަލާ ދިން މީހުންގެ އިތުރުން އެ ކަމުގައި ބައިވެރިވި އިތުރު މީހުންނާއި ފަންޑު ކުރި މީހުންވެސް ހޯދޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.