މީމު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ މިހާރު އެ އެއާޕޯޓުގެ ކުރިއަށްދަނީ އެއާޕޯޓް ފަޔާ ބިލްޑިންގ ގެ ފައުންޑޭޝަން ބީމްގެ މަސައްކަތްތައް ކަމަށާއި މި މަސައްކަތް މި ހަފުތާތެރޭ ނިންމާލެވޭނެ ކަމަށެވެ. ދެން ފެށުމަށް ހަމަޖެހިފައިވަނީ ފަޔާ ބިލްޑިންގެ ކޮލަމްތަކުގެ މަސައްކަތްތައް ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މީމު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

އެ މަޝްރޫއުގެދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުން ހިމެނެއެވެ.

އަދި ޓެކްސީވޭ އަކާއި އޭޕްރަންއެއް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިމަޝްރޫއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެތެރޭގައެވެ.

މީމު ޢެއާޕޯޓަކީ މ. މުލީގައި ތަރައްގީ ކުރާ އެއާޕޯޓެކެވެ.