އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ މަޝްހޫރު ވިޔަފާރުވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހޯދި ހީދުންތަކުން އޭނާ މަރާލުމުގައި ބައިވެރިވެފައި ވަނީ އެންމެ މީހެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ، މި ހާދިސާއާ ގުޅިގެން މަހްމޫދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބިދޭސީ މީހާ، އުމުރުން 26 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށް ވާ ޝާ އަލޮމް މިއާ އެކަން ކޮށްފައި ވަނީ އޭނާ އެކަނި ކަމަށާއި އެ ކުށުގައި އިތުރު މީހަކު ބައިވެރިވެފައިވާ ކަން ތަހުގީގަށް އެނގިފައި ނުވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރު ކުރީ އޭނާ އެރަށުގައި ދިރިއުޅުނު ގެ ބަލައި ފާސްކުރުމަށް ފަހުއެވެ. އެއަށްފަހު އޭނާ މަހްމޫދުގެ ފޯނާއި އައިޑީކާޑް ފަދަ ތަކެތި ވަޅުލާފައި ހުއްޓާ ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ވެސް މި މައްސަލައާ ގުޅުން ހުރި ގިނަ ހެކިތަކެއް ވެސް ވަޅުލާފައި ހުރި ކަމަށާއި އެ ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހޯމިސައިޑް އިންވެސްޓިގޭޝަން ޓީމާކާއެކު ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
އިހާނެތިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދުގެ ހަށިގަނޑު ފެނުނީ މި މަހުގެ 14 ވަނަ ދުވަހުގެ ހަވީރުއެވެ. އެއީ އެ އާއިލާއިން މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ.
މަހުމޫދު ފެނުނީ އެ ރަށުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއަށް ފައްތާފައި އޮއްވައެވެ. މަހުމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތް އިރު އޭނާގެ ބޮލަށާއި ފަޔަށް ވަނީ ގޯންޏެއް ވެސް މަހާފައެވެ.
މަހުމޫދުގެ ހަށިގަނޑު ނަގައި މާލެ ގެނެސް ޓެސްޓުތައް ހެދުމަށް ފަހު ވަނީ އޭނާ ގެ ހަށިގަނޑު އަނބުރާ ދަނގެއްޗަށް ގެންގޮސްފައެވެ.
ޝާ އަލޮމް މިއާ ފުލުހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި އޭނާ ކޯޓަށް ހާޒިރު ކުރުމުން އެ ދުވަހު ވަނީ 15 ދުވަހުގެ މުއްދަތެއް ބަންދަށް ޖަހާފައެވެ.
ޝާ އަލޮމް މިއާ އަކީ އެ ރަށު ނެދުންގޭގައި އުޅޭ ބިދޭސީ މީހެކެވެ. އެ ގޭގައި ދިރިއުޅެނީ އުމުރުން ދުވަސްވީ މީހަކާއި އެމީހާ ބަލަން ހުންނަ މި ބިދޭސީ މީހާ އެކަންޏެވެ. އަދި މި މައްސަލއިގައި އޭނާ ހައްޔަރު ކޮށް ފުލުހުން ވަނީ މަހްމޫދު މަރާލި ގޮތް އޭނާ ލައްވާ ކުޅުވާފައެވެ
ނެދުން ގެއަކީ މަހްމޫދު މަރާލާފައި އޮއްވާ ފެނުނު ފަޅުގެއާ އެއް މަގެއްގައި ހުންނަ ގެއެވެ.
އިންޑިއާ އައުޓް ގޮވާގޮތަށް އިދިކޮޅުން ކީއްވެބާ ބަނގާޅީ އައުޓް ނުގޮވަނީ. މިޤައުމުގެ ރައްޔިތުން ކަތިލަމުންދާއިރު .
ކޮން ސަބަބަކާހުރެހޭ ބަންގާޅީ އެކަން ކުރީ. ގައިމު އެއްވެސް ކަމަކާ ނުލާ އެވަރުކަމެއް ނުކުރާނެ ދޯ. މަރުވި މީހާ ފޭރިގެން އެމީހާ އަތުން ފައިސާ އަތުލަން ކުރި ކަމެއްތޯ ނުވަތަ އެހެންވެސް ސަބަބެއް އޮންނާނެ ދޯ