ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ވާދަ ކުރަމުން އަންނަ ޗައިނާއާއި ދެކުނު އޭޝިއާގެ ނިއުކްލިއާ ބާރުވެރިކަން ލިބިފައި ވާ ޕާކިސްތާނާ ދެމެދު އެކުލަވާލާފައިވާ އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއަކަށް، އެމެރިކާއިން ހުރަސް އަޅަމުން އަންނަ ކަމަށް ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް)ގެ އިސްވެރިޔާ އަދި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ އަރިސް މެންބަރެއް ކަމަށް ވާ، ހާލިދު މަންސޫރު ތުހުމަތު ކުރައްވައިފިއެވެ.

ވަރުގަދަ އަމާޒަކާއެކު ސީޕެކް އެކުލަވާލާފައި ވަނީ 2015 ވަނަ އަހަރު، ޗައިނާގެ ރައީސް ޝީ ޖީންޕިންގް، ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

މި މަޝްރޫއަކީ، ޗައިނގެ ހުޅަނގުގެ ސަރަހައްދު، ޕާޚިސްތާނުގެ ހުޅަނގު ދެކުނު ގުވާދަރު ބަނދަރާ ގުޅާލުމުގެ އަގުބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ދެ ގައުމު ގުޅާލަން ރާވާފައި ވަނީ އެއްގަމު މަގުތަކާ، ރޭލްވޭތަކުގެ އިތުރުން އެނޫންވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއްގެ ތެރެއިން ކަމަށް ވާއިރު، މިއީ ޕާކިސްތާނުގެ އިގުތިސޯދުގެ ވިންދު ކަމަށް ސިފަކުރެއެވެ.

މަންސޫރު ވިދާޅުވީ މިހާރު އުފެދެމުން އަންނަ ޖިއޮގްރަފިކް އިސްތިރާޖީ ހާލަތަށް ބަލާއިރު، އިންޑިއާއާއި އެމެރިކާގެ ބަދަހި ކުރަމުން އަންނަ ގުޅުމަކީ، ސީޕެކަށް އޮތް ނުރައްކަލެއް ކަމަށެވެ. އެ ގުޅުމަކީ ސީޕެކްގެ މަޝްރޫއު ކާމިޔާބު ވިޔަ ދޭނެ ގުޅުމެއް ނޫން ކަމަށްވެސް ޕާކިސްތާނުގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އިމްރާންގެ އަރިސް މެންބަރު އިތުރަށް ވިދާޅުވީ، އެމެރިކާއާއި އިންޑިއާއިން މަސައްކަތް ކުރަމުން ދަނީ ޗައިނާގެ ތަރައްގީގެ މަގުން ޕާކިސްތާން ބޭރު ކުރުމަށް ކަމަށެވެ.

ޕާކިސްތާން ސަރުކާރަކީ، ތަރައްގީގެ ނަމުގައި ޗައިނާއިން ހިންގަމުންދާ މަޝްރޫއުތަކުގެ ދަށުން އެހީ ފޯރުކޮށްދޭ މަންޒިލްތަކުގެ ތެރެއިން، 7 ވަނައަށް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދޭ މަންޒިލެވެ. ސީޕެކްގެ ދަށުން މިހާރުވެސް 71 މަޝްރޫއެއް ހިންގާއިރު، މި މަޝްރޫއުތަކުގެ އަގު، 27.3 ބިލިއަން ޑޮލަރަށް އަރައެވެ.

ކަން މިހެން އޮތް އިރު، ހުޅަނގުން ބުނަމުން ދަނީ ސީޕެކްކީ ޗައިނާގެ ދަރަނި ދަންތުރައިގެ ބައެއް ކަމަށެވެ. މި މަޝްރޫއާއެކު ޕާކިސްތާނުގެ އާންމު ދަރަނި އިންތިހާއަށް އުފުލިފައި ވާއިރު، ޕާކިސްތާނުގެ އިގުތިސޯދުގެ މައްޗަށް، ޗައިނާއަށް ނުފޫޒު ގަދަ ވެފައި ވާ ކަމަށްވެސް ހުޅަނގުން ސިފަ ކުރެއެވެ.

ކަން މިހެން އޮތް އިރު، މަންސޫރު އިތުރަށް ވިދާޅުވީ އަފްގާނިސްތާނަށްވެސް ސީޕެކް ފުޅާ ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.