ރާއްޖެއިން 225 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭ އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓު ކުރަން 4527 ސާމްޕަލް ނެގި އިރު އޭގެ ތެރެއިން 225 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 39 މީހަކާ، އަތޮޅުތެރެއިން 153 މީހަކާ، ރިސޯޓްތަކުން 33 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ރަށްރަށުން ޕޮޒިޓިވްވި 153 މީހުންގެ ތެރެއިން ގިނަ ބަޔަކު ކ. ގުރައިދޫން ވަނީ ޕޮޒިޓިވް ވެފައެވެ. ޖުމްލަ 86 މީހުން ގުރައިދޫން ޕޮޒިޓިވް ވި އިރު އައްޑޫން 17 މީހުން އަދި ގއ ވިލިންގިލިން 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 86،830 އަށް އަރާފައެވެ. އަދި މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1520 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 19 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހުގެ ތެރޭގައި ގޯސްވެފައި އޮތުމަށް ފަހު އޭރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ އެކު ކޭސްތައް ވަނީ މިދިޔަ ޖުލައި މަހުތެރޭ 100 އިން ދަށަށް ގޮސްފައެވެ. ނަމަަވެސް ފަހުން ކޭސްތައް އިތުރުވެ ދޭތެރެ ދޭތެރެއިން 100 އިން މަތިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ރިޕޯޓް ކުރާ ދުވަސްތައް ފާހަގަ ކުރެވެއެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. އިއްޔެއާ ހަމައަށް ކޮވިޑް ރާއްޖެއިން ފެނުނުތާ 595 ދުވަސްވެފައިވާ އިރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 240 އަށް އަރާފައެވެ.