މިއަދު ކުޅުދުއްފުށީ ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވުމަށް ފަހު ބޭއްވި އެކުވެރިކަމުގެ މެޗުގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ގައުމީ ޓީމްގެ ކުޅުންތެރިއެއްގެ ގޮތުގައި ކުޅުއްވައިފިއެވެ.
މިއަދު ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށުގެ ފުޓްބޯޅަ ދަނޑު ވަނީ ހުޅުއްވައި ދެއްވާފައެވެ. އެގޮތުން ފުޓްބޯޅަ ދަނޑު ރައީސް ސޯލިހް ހުޅުއްވައިދެއްވީ ދަނޑު މެދުގައި ބާއްވާފައި އޮތް ބޯޅައެއްގައި ފައިންޕުޅުން ޖައްސަވާލެއްވުމަށް ފަހުއެވެ.
އެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ދަނޑުގައި ވަނީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފައެވެ. އެ މެޗުގައި ބައްދަލު ކުރީ ރާއްޖޭގެ ގައުމީ ޓީމާއި، ކުޅުދުއްފުށީ ޒުވާނުންގެ ޓީމެވެ. މެޗު މިހާރު ނިއްމާލާފައިވާ އިރު ގައުމީ ޓީމް މޮޅުވެފައި ވަނީ 6-0 އިން ނެވެ.
ގައުމީ ޓީމް ކުޅުނު މެޗުގައި ދެވަނަ ހާފްގައި ޔޫތް މިނިސްޓަރު މަހްލޫފް ވެސް ވަނީ ގައުމީ ޓީމްގެ ކުޅުންތެރިއެއްގެ ގޮތުގައި މެޗުގައި ކުޅުއްވާފައެވެ. އަދި މަހްލޫފް ވަނީ ވަރަށް ރަނގަޅު ފެންވަރުގެ ކުޅުމެއް ދައްކަވާފައެވެ.
މަހްލޫފް މި މެޗުގައި ކުޅުއްވާފައި ވަނީ 6 ނަންބަރު ޖޯޒީގައެވެ. މަހްލޫފަކީ ވަޒީރުންގެ ތެރެއިން ތަފާތު ހުނަރުތައް ހުރި ބޭފުޅެއް ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
މިއަދު ކުޅުދުއްފުށި ފުޓްބޯޅަ ދަނޑު ހުޅުވާފައިވާ އިރު އެ ރަށު ޒުވާނުންނަށް މިއަދަކީ ވަރަށް އުފާވެރި ދުވަހެކެވެ. ގައުމީ ޓީމާއެކު ކުޅެލަން ލިބުނު ފުރުސަތުގެ އިތުރުން އެ ދަނޑު ހުޅުވިގެން ދިއުމަކީ އެ ރަށުގައި ފުޓްބޯޅައަށް ލޯބިކުރާ އެތައް ޒުވާނުނުންނެއްގެ ހުވަފެންތައް ހާސިލް ވުމަށް ވީ ކަމެއްގެ ގޮތުގައި އެ ރަށު ރައްޔިތުން ސިފަ ކުރެއެވެ.
މަހުލޫފަކީ ކުރިން ޤައުމީ ލެވަލްގަވެސް ފުޓްބޯލަ ކުނުޅުބޭފުޅެއް އިނގޭތޯ. އަންޑާ 21 އަށްވެސް. އެހެންމެ ހުނަރު ހުންނާނެ ނޫންތޯ. އެއީ އަލައް ދަސްވެގެން އުޅޭ ހުނަރެއްނޫން. ހެހެހެ