ހަތިޔާރު އެޅި ހަނގުރާމަ ވެރި ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން ފުރަތަމަ ފަހަރަށް، ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ، އަފްގާނިސްތާނަށް ވަޑައިގެންފިއެވެ.

ގުރައިޝީ އަފްގާނިސްތާނަށް ވަޑައިގެންފައި މި ވަނީ ދޭދޭ ވިޔަފާރީގެ މުހިންމު ބޯޑަރެއް ކަމަށް ވާ ޗަމަން ބޯޑާ ކްރޮސިންގްއަށް ދިމާވެފައި ވާ މައްސަލައަށް ހައްލު ހޯއްދެވުމުގެ މަޝްވަރާތަކަށް ކަމަށް ހަބަރު ލިބެއެވެ. މި ސަރަހައްދު ބަންދު ކޮށްފައި އޮންނަތާ 2 ހަފުތާއެއްހާ ދުވަސް ވެފައި ވާއިރު، މުދާ އުފުލުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

އަފްގާނިސްތާނުގައި ވަގުތީ ސަރުކާރެއް އެކުލަވާލަފައި ވާ ތޯލިބާނުންނާ މަޝްވަރާ ކުރެއްވުމަށް ފަހު، އަފްގާނިސްތާނުގެ ރިޔާސީ ގަނޑުވަރުގެ ބޭރުގައި ހުންނަވައިގެން ވާހަކަދައްކަވަމުން ގުރައިޝީ ވިދާޅުވީ، ބޯޑަރު ހުރަސްކޮށް އެއްކޮޅުން އަނެއް ކޮޅަށް ދަތުރު ކުރުމާ، ވިޔަފާރި ކުރުމާ ބެހޭ ގޮތުން ތަފްސީލީ މަޝްވަރާތަކެއް ކުރިއަށް ގެންދެވި ކަމަށެވެ. އަދި މައްސަލައަށް ހައްލު ހޯދުމުގެ އެންމެ ފަހުގެ ކަންކަން ނިންމުމަށް، ކުރިއަށް އޮތް ދުވަސްތަކުގައި، ތޯލިބާނުންގެ ވަފުދެއް، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ދަތުރު ކުރާނެ ކަންވެސް ގުރައިޝީ ވަނީ ހާމަ ކުރައްވާފައެވެ.

ގުރައިޝީއާއެކު ޕާކިސްތާނުގެ ފަރާތުން މި ދަތުރުގައި ދެން ބައިވެރިވެވަޑައިގެންނެވީ ޕާކިސްތާނުގެ ޖާސޫސީ ހިދުމަތް (އައިއެސްއައި)ގެ އިސްވެރިޔާ ފާއިޒު ހާމިދެވެ. މަގާމާ ވަކިވެވަޑައިގަތުމަށް ސުންގަޑި ހަމަވަމުން ދާ ހާމިދު ވަނީ، 2 ވަނަ ފަހަރަށް އަފްގާނިސްތާނުގެ ވެރިކަން ތޯލިބާނުން ނެގި ފަހުން، އެ ގައުމަށް ޒިޔާރަތް ކުރައްވާފައެވެ.

ގުރައިޝީއާއެކު މަޑުކޮށްލައިގެން ހުރި، އަފްގާނިސްތާނުގެ ފޮރިން މިނިސްޓަރު އާމިރު ހާން މުއްތަގީވެސް ވަނީ، މިހާރު ހުރި މައްސަލަތައް ހައްލު ކުރުމަށް، ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ވާ ކަން ފާހަގަ ކޮށްފައެވެ. ވިޔަފާރިއަށް ދިމާވެފައި ވާ މައްސަލަތަކަށް ހައްލު ލިބި، ވަރަށް އަވަހަށް ބޯޑަރު ހުޅުވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާނުން ނެގި ފަހުން އެ ގައުމަށް އިގުތިސޯދީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތި ވެފައި ވާއިރު، އަފްގާނިސްތާނުގައި އުފެދޭ އިގުތިސޯދީ ކާރިސާގެ އަސަރު، އަވަށްޓެރި ގައުމުތަކަށްވެސް ފޯރާނެ ކަމުގެ އިންޒާރު، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ވަނީ ދީފައެވެ.