ފުލުހުންގެ އޮފިސަރުންގެ ތެރެއިން ވަޒީފާއިން ވަކި ކުރަން ނިންމާފައިވާ އޮފިސަރުންގެ ތެރެއިން 3 އޮފިސަރަކާ މެދު ހައިކޯޓުގައި ހިންގާ އިސްތިއުނާފް މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް ފިޔަވަޅު ނޭޅުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
ފުލުހުންގެ އޮފިސަރުން ވަޒީފާއިން ވަކި ކުރާތީ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ސިވިލް ކޯޓުން ބަލަމުންދާ މައްސަލަ ބަލައި ނިމެންދެން އެ މީހުން ވަޒީފާއިން ވަކިކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފައި ވަނީ މިދިޔަ ހަފްތާގައެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ މި މައްސަލައިގައި ވަކި ގޮތެއް ނުނިންމަނީސް ޕޮލިސް އޮފިސަރުން ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމް ކޮށްފައެވެ. އެގޮތުން ފިޔަވަޅު ނޭޅުމަށް ހައިކޯޓުން ބުނި ތިން އޮފިސަރުންނަކީ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.
ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވެފައި ވަނީ ސިވިލް ކޯޓުގައި ކުރިއަށްދާ މައުލޫއީ މައްސަލަ ނިމެންދެން އޮފިސަރުން ވަކިކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅި ސަބަބުތައް ބުނެދީފައި ނުވާ ކަމަށެވެ. އަދި އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ނިންމުމަށް ވާސިލްވެވުނު ސަބަބު ވެސް ބުނެދެވިފައި ނުވާ ކަމަށެވެ. ކޯޓުން ކުރެވޭ ހުކުމުގެ އިތުރުން ވަގުތީ އަމުރާމެދު ގޮތެެއް ކަނޑައަޅާއިރު އެ ކަނޑައަޅާ ސަބަބު ބުނެދިނުމަކީ ހަސްމުންނަށް ދޭން ޖެހޭ ހައްގެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައިގައި އޮފިސަރުން ވަޒީފާއިން ވަކިނުކޮށްފިނަމަ އެމީހުންނަށް މައްސަލަ ނިމެންދެން މުދާލާއި އިނާޔަތް ދޭން ޖެހޭނެ ކަމަށާއި އެއީ ދައުލަތަށް ލިބޭ ގެއްލުމެއް ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް މި އަމުރު ނެރެނުދީފި ނަމަ މައުލޫއީ މައްސަލަ ނިމޭ ގޮތަކުން އޮފިސަރުންގެ ވަޒީފާއި އިއާދަކުރަން ޖެހިއްޖެ ނަމަ އެ އޮފިސަރުންނަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށް ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވި އެވެ.
ނަމަވެސް މި މައްސަލައިގައި އިތުރަށް ޝާމިލްވާ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު މިހާރު ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައި ވަނީ 7 އޮފިސަރުންނެވެ. އެއީ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.
މި އޮފިސަރުންނަށް ފިޔަވަޅު އަޅަން ޕޮލިސް ބޯޑުން ނިންމާފައި ވަނިކޮށް ސިވިލް ކޯޓަށް 5 އޮފިސަރެއްގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް މަރިޔަމް ނިހާޔަތުގެ ދިވެހި ޗޭމްބާޒް ލޯ ފާމުންނެވެ. ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ފަރުހާދާއި ޝުހާދު ބައިވެރިވެފައެއް ނުވެއެވެ.
މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް ހޯމް މިނިސްޓްރީން ވަނީ ވަޒީފާ އިން ވަކި ކުރަން ނޯޓިސް ދިން އޮފިސަރުންގެ ތެރެއިން ޖަމްޝީދާއި އަހްމަދު މުހައްމަދު މިހާރު ވަޒީފާއިން ވަކިކޮށްފައެވެ. މި ދެމީހުންނަކީ ސިވިލް ކޮތަށް މައްސަލަ ހުށަހެލީ 5 އޮފިސަރުންގެ ތެރޭގައި ހިމެނޭ ދެ އޮފިސަރުންނެވެ. އެހެންކަމުން ކޯޓުން މިއަދު ހުކުމް ކުރީ ބަކީ ފިޔަވަޅު ނާޅާ ތިބި ތިން އޮފިސަރުންނަށް ހައިކޯޓުގައި ބަލަމުންދާ މައްސަލއިގައި ވަކި ގޮތެއް ނުނިންމަނީސް ފިޔަވަޅު ނޭޅުމަށެވެ.
މި ދިޔަ އަންގާރަ ދުވަހު ހައިކޯޓުން އެ އަމުރު ނެރުނު އިރު، އެ ތިން އޮފިސަރުން ވަޒީފާއިން ވަކި ކުރުމަށް ދީފައިވާ ނޯޓިސްގައި އެމީހުން ވަޒީފާއިން ވަކި ކުރެވޭނެ ދުވަހެއްގެ ގޮތުގައި ބުނެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހެވެ.