މިދިޔަ މޭމަހުގެ 6 ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލައާ ގުޅިގެން، ދައުވާ އުފުލާފައިވާ ހަތް މީހުންގެ ތެރެއިން ތިން މީހަކު ދައުވާތަކަށް އިންކާރު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވާފައި ވާއިރު ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ހަ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވާފައެވެ.

އެ ހަ މީހުންގެ ތެރެއިން ދައުވާއަށް އިންކާރުކޮށްފައި ވަނީ ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއެވެ.

ތިން މީހުން ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ވަނީ ހުލާސާ ގޮތެއްގައި ހެކި ހާމަކޮށްފައެވެ. ނަމަވެސް ހެކިތަކުގެ ތަފްސީލަށް ގޮސްފައެއް ނުވެއެވެ.

އެމައްސަލާގައި ފަހުމީގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ނާޒިމްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަމުގެ ދައުވާއެވެ.

ހައިޝަމަށް ޖުމްލަ ތިން ދައުވާއެއް އުފުލާފައި ވާއިރު އެއީ، ގޮވާ ތަކެތި އެހެންތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީއެއް ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ.

އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށާއި އިނގިރޭސިވިލާތަށެވެ.

އެއަށްފަހު، ނަޝީދު ވަނީ މިމަހުގެ 11 ގައި ރާއްޖެ ވަޑައިގެންފައެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.