ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ކޮންޓްރޯލް ނަގާފައިވާ އަފްގާނިސްތާނަށް ކުރިމަތިވަމުން އަންނަ އިގުތިސޯދީ ކާރިސާގެ އަސަރު، އަވަށްޓެރި ގައުމުތަކަށްވެސް ފޯރާނެ ކަމުގެ އިންޒާރު، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ދީފިއެވެ.

އައިއެމްއެފްއިން ބުނީ، އަފްގާނިސްތާނުގެ އިގުތިސޯދީ ކާރިސާގެ ސަބަބުން ރެފިއުޖީ ކާރިސާއެއް އުފެދިދާނެ ކަމަށާ، އެކަމަކު އަސަރު، އަވަށްޓެރި ގައުމުތަކާއި، ތުރުކީވިލާތް އަދި ވިލާތުގެ ގައުމުތަކަށްވެސް ފޯރާފާނެ ކަމަށެވެ.

އައިއެމްއެފްއިން އިން ވަނީ، ހިނގަމުން މިދާ 2021 ވަނަ އަހަރުގެ ތެރޭގައި އަފްގާނިސްތާނުގެ އިގުތިސޯދު، 30 ޕަސެންޓް ހީނަރު ވެދާނެ ކަމުގެ އިންޒާރު ދީފައެވެ. މިއާއެކު އެތައް މިލިއަން ބަޔަކު، އިންތިހާ ފަގީރު ކަމުގެ ތެރެއަށް ވެއްޓި، އިންސާނީ ކާރިސާއެއްވެސް އުފެދިދާނެ ކަމުގެ އިންޒާރު، އައިއެމްއެފްއިން ވަނީ ދީފައެވެ.

އަފްގާނިސްތާނުގެ އަވަށްޓެރިންނަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ އަނެއް ސަބަބަކީ، ވިޔަފާރި ކުރުމަށްޓަކާ އައިއެމްއެފްގެ ފަންޑަށް ބަރޯސާވެފައި އޮތް އޮތުން ކަމަށްވެސް އެ އިދާރާއިން ވަނީ ފާހަގަ ކޮށްފައެވެ.

އަފްގާނިސްތާނާ އިންވެގެން އޮންނަ ތަޖިކިސްތާނުން މިހާރުވެސް ވަނީ، އިތުރު ރެފިއުޖީން ބެލެހެއްޓެން ނެތް ކަމަށް ބުނެފައެވެ.

ބޭރު ގައުމުތަކުގައި ހުރި އަފްގާނިސްތާނުގެ އެސެޓްތައް ފްރީޒް ކޮށްފައި ވާ އިރު، އެ ގައުމަށް ފައިސާ ވަންނާނެ ހުރިހާ މަގެއް ވަނީ ބަންދުވެފައެވެ.

އިގުތިސޯދީ ކާރިސާގެ ސަބަބުން އުފެދިގެން ދާނީ ކިހާ ރެފިއުޖީންނެއް ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް، އަދި އިތުރު 1 މިލިއަން ރެފިއުޖީން އުފެދިއްޖެނަމަ، އެ ރެފިއުޖީން ބެލެހެއްޓުމަށް ތަޖިކިސްތާނުން 100 މިލިއަން ޑޮލަރު، އީރާނުން 300 މިލިއަން ޑޮލަރު އަދި ޕާކިސްތާނުން 500 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހިދާނެ ކަމަށް އައިއެމްއެފްއިން ވަނީ ލަފާ ކޮށްފައެވެ.

ބައިނަލްއަގުވާމީ އެހީއާ ނުލާ، އަފްގާނިސްތާނުގެ ގިނަ އަދަދެއްގެ ރެފިއުޖީން ބަލައިގަނެވެން ނެތް ކަމަށް ތަޖިކިސްތާނުން ބުނެފައި ވާއިރު، މެދުތެރޭ އޭޝިއާގެ އެހެން ގައުމުތަކުން ވަނީ އަފްގާން ރެފިއުޖީން ބަލައިގަތުމުގެ ޕްލޭނެއް ނެތް ކަމަށް ބުނެފައެވެ.