ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމުގެ ހައްގު ޒަމާނުއް ސުރެ ނިގުޅައިގަނެފައިވާ މުޖުތަމައުތަކަށް ވަސީލަތްތަކާއި ގާބިލުކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އދ ގެ އާނމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، 4 ވަނަ ގްލޯބަލް ވޯޓާ އޮޕަރޭޓާސް ޕާޓްނާޝިޕްސް ކޮންގްރެސްގައި ތަގްރީރު ކުރެއްވަމުންނެވެ. ޝާހިދު ވިދާޅުވީ، ފެނަކީ ދިރުން ކަމަށާއި އަދި އެކަށީގެންވާ ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމަކީ އިންސާނީ އަސާސީ ހައްގެއް ކަމަށެވެ. ޔުނިސެފުން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 450 މިލިއަން ކުޑަކުދިން ހިމެނޭ ގޮތަށް 1.42 ބިލިއަނަށް ވުރެ ގިނަ މީހުން، ދިރިއުޅެމުން ދަނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބި ކަމަށެވެ. އެގޮތުން ދުނިޔޭގެ ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކަށް އެކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ ކަމަށް ޝަހިދު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފެނާ ގުޅުން ހުރި ނުރައްކާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރުދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރަން ޖެހިފައިވާ ކަމަށަ މިނިސްތަރު ފާހަގަ ކުރެއްވިއެވެ. އަދި ފެނުގެ ދަތިކަން ހުރި ގޭބިސީތަކުގެ 80 އިންސައްތަ ގޭބިސީގައި ފެން ނެގުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. މީގެ ސަބަބުން ގިނަ ފަހަރަށް ދިގު ދަތުރުތައް ކުރުމާއި ބަރުކޮށް އެއްޗެހި އުފުލުމާއި އަދި ބައެއް ހާލަތްތަކުގައި އަނިޔާގެ ނުރައްކާ އެމީހުންނަށް ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިކަމަށް ހޭދަވާ ވަގުތުގެ ސަބަބުން އަންހެން ކުދިން ތައުލީމުން މަހުރޫމުވެ، އާމްދަނީ ހޯދުމުގެ ފުރުސަތުތައް އަންހެނުންނަށް މަދުވެގެންދޭ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެން ކުދިން ކޮންމެ ދުވަހަކު 200 މިލިއަން ގަޑިއިރު ފެން ނެގުމުގައި ހޭދަކުރާ ކަމަށް ރިޕޯޓުތައް ބުނޭ.އެއްވެސް ހަމައެއްގައި މިކަމެއް ރަނގަޅެއް ނޫން. މިކަންކަމުން އަރައިގަންނަން މަސައްކަތްކުރަން އަޅުގަނޑުމެން އެބަޖެހޭ."
އަބްދުﷲ ޝާހިދު

ސިޓީތަކުން ފެށިގެން ކުދި ޓައުންތަކާ ހަމައަށް، ފެނުގެ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަދާ ކުރަނީ ވަރަށް ނާޒުކު އަދި ނުހަނު ބޭނުންތެރި ދައުރެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އާ ޓެކްނޮލޮޖީތަކަށް އެކްސެސް ވުމުގައި ނުވަތަ ހުނަރު އިތުރު ކުރުމުގައި މި ގްރޫޕަށް އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ފެނާއި ނަރުދަމާއާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ އަދި ހިދުމަތްތައް ބަލަހައްޓައި ތަރައްގީ ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުރިހާ ފަންތިއެއްގައި މަލްޓި-ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ފެނަކީ ހުރިހާ އެންމެންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވެފައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމާ ގުޅިފައިވާ ކަމެއްކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ. ފެނުގެ މައްސަލަތަކަށް ހައްލުތަކެއް ނުގެނެސް މެނުއީ ތައުލީމަށާއި، ވަޒީފާއަށާއި، ސިއްހީ ހިދްމަތަށް، ނޫނިއްޔާ ތިމާވެށްޓަށް އެއްވެސް ކަހަލަ ކުރިއެރުމެއް ނުގެނެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.