މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ތޯލިބާންގެ ހަނގުރާމަވެރިންނަށް، އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ ރިޒާވްތައް ބޭނުން ކުރުމުގެ ފުރުސަތު ފަހިވާނެ ގޮތެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް، އެމެރިކާގެ ޑެޕިއުޓީ ޓްރެޝަރީ ސެކްރެޓަރީ ވޯލީ އަޑެޔޭމޯ ވިދާޅުވެއްޖެއެވެ.

އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ ރިޒާވްތަކުގެ ބޮޑު އިންސައްތައެއް އަދިވެސް ހިފަހައްޓާފައި ވަނީ އެމެރިކާގައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބޭންކިންގް ކޮމިޓީގައި ވާހަކަދައްކަވަމުން އަޑެޔޭމޯ ވިދާޅުވީ، ތޯލިބާނުންނާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުން ދާ ދަތި ކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުން މުހިންމު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އަފްގާނިސްތާނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ، ގާނޫނީ އިމުގެ ތެރެއިން ފޯރު ކޮށްދެވޭނެ ގޮތްތަކެއް ހޯދަން ޖެހިފައި ވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިންތިހާބީ ސަރުކާރެއް ވައްޓާލާ، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ތޯލިބާނުން ވަނީ، އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ ރިޒާވްގެ 9 ބިލިއަން ޑޮލަރަށް އެމެރިކާއިން އަޅަމުންދާ ހުރަސް އުވާލުމަށް ގޮވާލާފައެވެ. މި ފައިސާއަކީ ގައުމުން ބޭރުގައި ހިފަހައްޓާފައި ވާ ފައިސާއެވެ.

އަފްގާނިސްތާނުގައި ތޯލިބާނުން އެކުލަވާލި ސަރުކާރުގައި ހައްގާނީ ނެޓްވޯކްގެ މެންބަރުންވެސް ހިމެނޭއިރު، މި ނެޓްވޯކަކީވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ގިނަ ގައުމުތަކަކުން ޓެގު އަޅުވާފައި ވާ ޖަމާއަތެކެވެ. މިއާއެކު، އަފްގާނިސްތާނަށް ބޭނުން ޖެހިފައި ވާ އެހީ ފޯރުކޮށްދިނުމުގައި ގޮތް ނިންމުމަށް، ގައުމުތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.