މާލޭގައި އަލަމާ ގޯޅީގައި ކުޑަ ދެކުއްޖަކު ބޮޑު މީހަކަށް ހަމަލާ ދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން މައްސަލަ ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. މި މާރާމާރީގައި ހިމެނޭ ދެ ކުދިންނަކީ އުމުރުން 15 އަހަރުން ދަށުގެ ދެ ކުދިން ކަމަށާއި އަދި އަނިޔާ ވެފައި ވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން މައުޅުމާތު ދެއެވެ.
އަނިޔާވެފައިވާ މީހާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށާއި އަދި އެމީހާއަށް ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލައާ ގުޅިގެން 15 އަހަރުން ދަށުގެ ދެ ކުދިން ވަނީ ފުލުހަށް ހާޒިރުކޮށްފައި ކަމަށާއި އަދި މިއީ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ އުމުރު ފުރައިގެ 2 ކުދިންނަށް ވާތީ އެކުދިން ވަނީ އާއިލާއާ ހަވާލު ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ މިހާރު ދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޖުވެނައިލް އޮފެންޑާސް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ދީފައި ނުވި ނަމަވެސް އިއްޔެ ހަވީރު މިހާދިސާ ހިނގި އަލަމާ ގޯޅީގައި ގިނަ އަދަދަކަށް ލޭ ހުރި ކަމަށް އެ ހިސާބުގައި އުޅޭ މީހަކު ވަނީ މައުލޫމާތު ދީފައެވެ.